07 Nov 2013, 11:03
ސަމުއެލް އެޓޫ ޖަހައިދިން ދެ ލަނޑާއެކު 3-0 އިން ޖަރުމަނުގެ ޝަލްކޭ 04 ބަލިކޮށް އިނގިރޭސި ވިލާތުގެ ޗެލްސީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރާ ފިޔަވަޅެއް ގާތައް ޖެހިލައިފި އެވެ.
ބާކީ ދެ މެޗު ކުޅެން އޮތްއޮރު ޗެލްސީ ވަނީ ރޭގެ މޮޅާއެކު ސާފު ތިން ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދާފަ އެވެ. އެހެން ކަމުން މިމަހު 26ގައި ސްވިޒަލެންޑްގެ އެފްސީ ބާސެލްއާ ދެކޮޅަށް ކުޅޭ މެޗުން އެންމެ ޕޮއިންޓެއް ލިބުނަސް ޗެލްސީއަށް ގަދަ 16ގެ ޖާގައެއް ކަށަވަރު ވާނެ އެވެ.
ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ނިއުކާސަލްއަތުން 2-0 އިން ބަލިވި މެޗުގެ ހިތި ހަނދާންތައް ފޮހެލުމަށްޓަކައި މޮރީނިއޯ ނުކުތީ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންފަ އެވެ. އެގޮތުން މެޗަށް ފަރިތަކުރަމުން ދަނިކޮށް އަނިޔާ ލިބުމުގެ ސަބަބުން ފެނާންޑޯ ޓޮރޭޒްއަށް މެޗުގައި ބައިވެރި ނުވެނުއިރު އެޑެން ހަޒާޑްއަށް މޮރީނިއޯވަނީ އެ މެޗުން ޖާގަ ނުދީފަ އެވެ. އަދި މެޗުގެ ފުރަތަމަ 11ގައި ކުޅުންތެރިން ނެގިއިރު ޑޭވިޑް ލުއިޒް، އޭޝްލީކޯލް، ފްރޭންކް ލަމްޕާޑް އަދި ހުއާން މާޓާފަދަ ކުޅުންތެރިން ހިމަނައިފައެއް ނުވެ އެވެ.
ރޭގެ އެ މެޗު ފަށައިގެން ފުރަތަމަ ހަ ވަރަކަށް މިނިޓުގެ ތެރޭގައި ޝަލްކޭއަށް ލީޑުނަގާނޭ ރަނގަޅު ދެފުރުސަތު ލިބި ބޭކާރުވީ އެވެ. އަދި އޭގެ ފައިދާ ނަގައި، ޗެލްސީން ވަނީ، 31 ވަނަ މިނިޓުގައި މެޗުގެ ކުރި ހޯދައިފަ އެވެ. އެއީ ޝާލްކޭގެ ގޯލްކީޕަރު ޓިމޯ ހިލްޑަބްރޭންޑަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އެޓޫ ކާމިޔާބުކޮށްދިން ލަނޑެކެވެ. ހިލްޑަބްރޭންޑް ގޯލްއޭރިޔާތެރެއިން ފޮނުވާލަން އުޅުނު ބޯޅަ، ކުރިމަތީގައި ހުރި އެޓޫގެ ފައިގައި ޖެހިފައި ވަނީ ގޯލްގެ ތެރެއަށެވެ. މިއީ ޗެމްޕިއަންސް ލީގުގައި އެޓޫކާމިޔާބުކުރި 28 ވަނަ ލަނޑެވެ. އެހެން ނަމަވެސް ޗެމްޕިއަންސް ލީގުގައި ޗެލްސީއަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
ފުރަތަމަ ހާފްގައި ޝަލްކޭއިން ރަނގަޅަށް ކުޅުނު ނަމަވެސް ދެވަނަ ހާފްގައި މޮރީނިއޯގެ ޓީމުން ކުޅުން ރަނގަޅުކޮށް، 51 ވަނަ މިނިޓުގައި އެޓޫ އޭނާގެ ދެވަނަ ޗެމްޕިއަންސް ލީގު ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނެވެ. އަދި ޗެލްސީގެ ތިންވަނަ ލަނޑެ އެޓީމަށް ކާމިޔާބުކޮށްދިނީ ފަހު ހާފުގައި އެޓޫގެ ބަދަލުގައި ކުޅެން ނެރުނު ޑެމްބާ ބާ އެވެ.
މި މޮޅާއެކު ނުވަ ޕޮއިންޓާއެކު ގްރޫޕް އީގެ އެއްވަނައިގައި ޗެލްސީ އޮތްއިރު، ދެވަނަގައި ހަ ޕޮއިންޓާއެކު އޮތީ ޝާލްކޭ އެވެ. އަދި ފަސް ޕޮއިންޓާއެކު ތިންވަނައިގައި ބާސެލް އޮތްއިރު ދެ ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައި އޮތީ ސްޓެއާ ބަޗަރެސްޓް އެވެ.
މޮރީނިއޯ ބުނީ، މެޗުގެ ފެށުން އޭނާގެ ޓީމުން އެހާ ރަނގަޅު ނޫންކަމަށްވީ ނަމަވެސް، އެޓީމުގެ ފުރަތަމަ ލަނޑަށް ފަހު އޭނާގެ ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައި ކަމަށެވެ.
"މެޗުގެ ފެށުން އުނދަގޫކޮށް ދިޔަ ނަމަވެސް އަހަރެމެން ވަނީ، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ވަރަށް ރަނގަޅަށް ކުޅެފައި. އަދި ފުރަތަމަ ލަނޑަށް ފަހު ވަރަށް ބޮޑަށް ކުޅުން ރަނގަޅުވި،" މޮރީނިއޯ ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގެ އަނެއް މެޗުގައި ބާސެލްއާ ބަޗަރެސް ވާދަކުރި މެޗު ނިމުނީ 1-1 އިން ދެޓީމު އެއްވަރު ވެގެންނެވެ.