07 Nov 2013, 10:31
ވޮޝިންޓަން(ނޮވެމްބަރު 7): ސޫރިޔާގައިވާ ކެމިކަލް ހަތިޔާރުތަކުގެ ބައެއް ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުން ސިއްރިޔާތުގައި ފޮރުވާފައިވާ ކަމަށް އެމެރިކާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ތުހުމަތުކޮށްފި އެވެ.
ޖާސޫސީ ބައެއް މަޢްލޫމާތާ ޙަވާލާދީ އެމެރިކާގެ ޚަބަރުފަތުރާ ވަސީލަތްތަކުން އިއްޔެ ބުނެފައިވަނީ ސޫރިޔާ ގައިވާ ކެމިކަލް ހަތިޔާރުގެ ބައެއް އދ. ގެ ކަމާބެހޭ ޖަމްޢިއްޔާ "އޯގަނައިޒޭޝަން ފޯ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް" (އޯޕީސީޑަބްލިޔު) އަށް ސިއްރުން އެގައުމުގެ ސަރުކާރުން ފޮރުވާފައިވާ ކަމުގަ އެވެ. މިމަޢްލޫމާތާ ގުޅިގެން އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވެފައި ވަނީ ސޫރިޔާގައިވާ ކެމިކަލް ހަތިޔާރުގެ ސްޓޮކްގެ ބައެއް ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން ހާމަނުކޮށް ސިއްރިޔާތުގައި ފޮރުވާފައިވާ ކަމުގެ ޖާސޫސީ މަޢްލޫމާތުތަކެއް ލިބިފައިވާ ކަމަށާ ނަމަވެސް މިމަޢްލޫމާތުގެ ސައްޙަކަން ކަށަވަރުވެފައިނުވާ ކަމުގަ އެވެ.
މިކަން ކަށަވަރުކުރުމަށް އެމެރިކާގެ ޖާސޫސީ ތަޖްރިބާކާރުންނާއި ޕެންޓަގަން އާއި ވައިޓް ހައުސް ގުޅިގެން މަސައްކަތް ކުރަމުން ގެންދާކަމަށް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވި އެވެ. އދ.ގައި ހުންނަވާ އެމެރިކާގެ ދާއިމީ މަންދޫބާ ސަމަންތާ ޕަވާ ވިދާޅުވީ ސޫރިޔާގައިވާ ކެމިކަލް ހަތިޔާރުގެ ސްޓޮކް ކަމަށްބުނެ ސޫރިޔާ ސަރުކާރުން އދ. އަށް ދީފައިވާ ލިސްޓަކީ ސައްޙަ ލިސްޓެއްތޯ ބެލުމަށް އެމެރިކާ މަސައްކަތްކުރާނެ ކަމުގަ އެވެ. އަދި ސޫރިޔާ ސަރުކާރަކީ އެމެރިކާ އަށް އިތުބާރު ކުރެވޭ ސަރުކާރަކަށް ނުވާތީ ސޫރިޔާގައިވާ ކެމިކަލް ހަތިޔާރާބެހޭ ގޮތުން ބައްޝާރުގެ ސަރުކާރުން އދ.ގެ ކަމާ ބެހޭ ފަރާތްތަކަށް ދީފައިވާ މަޢްލޫމާތުގެ ސައްހަ ކަމާ މެދު ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތް ކަމަށް ވެސް ސަމަންތާ ވިދާޅުވި އެވެ.
ސޫރިޔާގެ ކެމިކަލް ހަތިޔާރު ނައްތާލުމަށް އދ. ން ކުރިޔަށްގެންދާ ޕްރޮގްރާމުގެ ދަށުން ސޫރިޔާގައި ހުރި ކަމަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފައިވާ ކެމިކަލް ހަތިޔާރު އުފައްދާ ސާމާނުތަކާއި ކާރުޚާނާތައް ނައްތާލެވިއްޖެ ކަމަށް އޮގަނައިޒޭޝަން ފޯ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިއު) އިން މިދިޔަ ހަފްތާގައިވަނީ ބުނެފަ އެވެ.
ކެމިކަލް ހަތިޔާރު ގެންގުޅުން މަނާކުރާ އދ.ގެ މި ޖަމިއްޔާ ބުނާގޮތުން ސޫރިޔާގައިވާ ކަމަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފައިވާ ކެމިކަލް ހަތިޔާރު އުފައްދާ 23 ތަނަކުން ކެމިކަލް ހަތިޔާރު އުފެއްދުމުގެ ގާބިލްކަން މިހާރު ނައްތާލާފައިވާ ކަމުގަ އެވެ. ސޫރިޔާގައި ވާކަމަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފައިވާ ކެމިކަލް ހަތިޔާރު އުފައްދާ ސަމާނުތަކާއި ކާރުޚާނާތައް ނައްތާލާފައި މިވަނީ މިކަން ކުރުމަށް އދ. ން ސޫރިޔާ އަށް ދީފައިވާ މުއްދަތު ކަމަށްވާ މި ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ކަމަށާމުއްދަތުގެ ކުރިން މިމަސައްކަތް ނިންމާލެވިފައި ވަނީ ސޫރިޔާ ސަރުކާރުގެ އެއްބާރުލުން ވަރަށްބޮޑަށް ލިބިގެން ކަމަށް ވެސް ކެމިކަލް ހަތިޔާރު ގެންގުޅުން މަނާކުރާ އދ.ގެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.
ސޫރިޔާގައިވާ ކެމިކަލް ހަތިޔާރުތައް ނައްތާލުމަށް ރަޝިޔާ އާއި އެމެރިކާ ގުޅިގެން އދ. ޝާމިލްވާ ގޮތަށް އެކުލަވާލާފައިވާ އެއްބަސްވުމުގެ ދަށުން، ސޫރިޔާގައި ހުރި ކެމިކަލް ހަތިޔާރުގެ ކާރުޚާނާތަކާއި 1000 އަށް ވުރެ ގިނަ މެޓްރިކް ޓަނުގެ ކެމިކަލް ހަތިޔާރުގެ ސްޓޮކް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނައްތާލުމަށް ވަނީ ހަމަޖެހިފައެވެ. (އަލްޖަޒީރާ)