ރާމަﷲ (ނޮވެމްބަރު 7): ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު އަވަހާރަވެފައި ވަނީ ނިއުކްލިޔާ ރޭޑިޔޯ އެކްޓިވް މާއްދާއެއް ކަމަށްވާ ޕޮލޯނިޔަމްގެ ވިހައިގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ޢަރަފާތުގެ ކަށިން ސާމްޕަލް ނަގައިގެން މިކަން ތަހުގީގުކުރި ސްވިޓްޒަރލޭންޑްގެ ފޮރިންސިކް ތަޖްރިބާކާރުންގެ ޓީމުން ބުނެފި އެވެ.

އެތަހްގީގަށް ފަހު އެޓީމުން ތައްޔާރުކޮށް ނެރުނު ރިޕޯޓް ގައިވާ ގޮތުން ޢަރަފާތުގެ ކަށީގައި އާދަޔާ ޚިލާފަށް (އާދައިގެ ހަލާތުގައި މީހެއްގެ ކަށީގައި ޕޮލޯނިޔަމް ހުންނަވަރަށް ވުރެ 18 ގުނަ މައްޗަށް) ރޭޑިޔޯއެކްޓިވް ޕޮލޯނިޔަމްގެ އަސަރު އެކުލެވެ އެވެ. ޕޮލޯނިޔަމް އިން ޢަރަފާތަށް ވިހަނުލާ ނަމަ އޭނާގެ ކަށީގައި އެމާއްދާގެ އަސަރު އެހާބޮޑުނުވާނެ ކަމަށް އެރިޕޯޓް ބުނެ އެވެ.

މިހަގީގަތް ތަކަށްބަލާ އިރު 2004 ވަނަ އަހަރު އަރަފާތު އަވަހާރަވެފައި ވަނީ ޕޮލޯނިޔަމްގެ ވިހައިގެ ސަބަބުން ކަމަށް ބެލެވޭނެ ޖާގައެބައޮތް ކަމަށް އަލްޖަޒީރާ އަށް ލިބިފައިވާ އެރިޕޯޓް ބުނެ އެވެ. ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު އަވަހާރަވެފައި ވަނީ ރާމަﷲގައި ހުންނަ ފަލަސްތީނުގެ ރިޔާސީ އެކުވެނީގައި އިސްރާއީލު ސިފައިން ޢަރަފާތު ހިސާރުކޮށްގެން އުޅޭތާ އަހަރެއްހާ ދުވަސްފަހުން އޭނާގެ ސިއްޙީ ހާލުކޮޅު މާބޮޑަށް ދަށަށްދިޔުމާ އެކު ކުއްލި ހާލަތުގައި ފަރަންސޭސިވިލާތަށް ގެންގޮސް ޕެރިހުގެ ޢަސްކަރީ ހޮސްޕިޓަލެއްގައި ފަރުވާދެމުން ގެންދަނިކޮށް 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

ޢަރަފާތު އަވަހާރަވި ކަމަށް އޭނާގެ މެޑިކަލް ރިޕޯޓްތަކުގައި ލިޔެފައި ވަނީ ލޭގައި އުފެދުނު މައްސަލަތަކެއްގެ ސަބަބުން ކުރިމަތިވި ސްޓްރޯކެއްގެ ސަބަބުން ކަމުގަ އެވެ. ޢަރަފާތަށް ޕޮލޯނިޔަމް ދީގެން ވިހަލީކަމުގެ ތުހުމަތު ކުރެވިފައި ވަނީ އިސްރާއީލުގެ މައްޗަށެވެ. އަރަފާތު އަވަހާރަވުމާ އެކު ފަލަސްތީނުގެ ޙަމާސް ޖަމާއަތުން ވަނީ ޢަރަފާތު އަވަހާރަކޮށްލީ އިސްރާއީލުން އޭނާ އަށް ސިއްރިޔާތުގައި ވިހަ ދީގެންކަމަށް ތުހުމަތުކޮށްފަ އެވެ. މިތުހުމަތުތައް އިތުރަށް ކަށަވަރުވެގެންދިޔައީ ރިޔާސީ އެކުވެނީގައި އިސްރާއީލުގެ ހިސާރުގައި އަރަފާތު ހުންނެވި ދުވަސްވަރު އޭނާ ބޭނުންކުރެއްވި ޕާސަނަލް ތަކެތިން ވެސް އާދަޔާ ޚިލާފަށް ޕޮލޯނިޔަމްގެ ރޭޑިއޭޝަންގެ އަސަރު ފެނުމުންނެވެ.

މިކަން ޓެސްޓްކުރީ ފަރަންސޭސި ލެބޯޓްރީއެއްގައި އަލްޖަޒީރާ ޓީވީ ޗެނެލް އިސްކޮށް ޙަރަކާތްތެރިވެގެން 2011 ވަނަ އަހަރު އެވެ. މިއާ އެކު ޢަރަފާތުގެ ކައްވަޅުކޮނެ އޭނާގެ ކަށިން ސާމަޕަލް ނަގައިގެން ފޮރިންސިކް ޓެސްޓެއް ހެދުމަށް ފަލަސްތީނުގެ ވެރިކަމުގެ އިދާރާއާ އަލްޖަޒީރާ ގުޅިގެން މަސައްކަތްކުރުމުގެ ނަތީޖާއެއްގެ ގޮތުން 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފަރަންސޭސިވިލާތާއި ސްވިސްޓްޒަލޭންޑްގެ ފޮރިންސިކް ތަޖްރިބާކާރުންގެ ޓީމަކުން ވަނީ ޢަރަފާތުގެ ކަށިން ސާމްޕަލް ނަގައިގެން އެ ސާމްޕަލް ތަހްލީލު ކުރުމުގެ މަސައްކަތް ފަށާފަ އެވެ. މިތަހްލީލުތައް ނިމުމަށް ފަހު މިކަމާބެހޭ ރިޕޯޓް އެކުލަވާލާފައިވަނީ ސްވިސްޓްޒަލޭންޑްގެ ލޮޒާންގައި ހުންނަ ފޮރިންސިކް އިލްމާ ބެހޭ ޚާއްސަ ޔުނިވަރސިޓީގެ ޕްރޮފެސަރުންނެވެ.

މިރިޕޯޓް ބެއްލެވުމަށް ފަހު ޢަރަފާތުގެ ހުވަފަތް އަނބިކަނބަލުން ސުހާ ޢަރަފާތު ވަނީ ކީރިތި ކުރައްވައި ޢަރަފާތަކީ ދުޝްމަނުން (އިސްރާއީލު) ވިހަ ދީގެން އަވަހާރަކޮށްލާފައިވާ ޝަހީދެއް ކަމަށް ސިފަކުރައްވާފަ އެވެ. ޔާސިރު ޢަރަފާތު އަވަހާރަކޮށްލާފައި ވަނީ ވިހަ ދީގެންކަމަށް ކުރިން ކުރެވުނު ޝައްކުތައް މިރިޕޯޓްގެ ސަބަބުން ކަށަވަރުވެފައިވާ ކަމަށާ އަރަފާތަކީ ސިޔާސީ މަގްސަދެއްގައި ދުޝްމަނުން އަވަހާރަކޮށްލާފައިވާ ބޭފުޅެއް ކަމަށާ ދުޝްމަނުން (އިސްރާއީލު) ސިއްރިޔާތުގައި ހިންގި ޖަރީމާ ނުވަ އަހަރުފަހުން ދުނިޔެއަށް ހާމަވެ ދުޝްމަނުންގެ އަނިޔާވެރިކަމުގެ ހަގީގަތް ދުނިޔެ އަށް ބޭޒާރުވެފައިވާ ކަމަށްވެސް ކީރިތި ކުރައްވަމުން ސުހާ ވިދާޅުވިއެވެ. (އަލްޖަޒީރާ)