07 Nov 2013, 10:03
މިއަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖެ އިން ބޭރުގެ ގައުމުތަކުގައި ވޯޓްލާ ގަޑިތައް އިލެކްޝަން ކޮމިޝަނުން އިއުލާން ކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އިންޑިއާގެ ޓުރެވެންޑްރަމް އާއި ނިއުދިއްލީގައި ބަހައްޓާ ވޯޓްފޮއްޓަށް ވޯޓްލުމަށް ފަށާނީ އެ ސަރަހައްދުގެ ގަޑިން ހެނދުނު 8:00 ޖަހާއިރު ކަމަށާއި އަދި ވޯޓްލުން ނިންމުމަށް ހަމަޖެހިފައި ވަނީ 16:30ގައި ކަމަށެވެ. އަދި ލަންކާގެ ކޮލޮމްބޯގައި ބަހައްޓާ ވޯޓްފޮއްޓަށް ވޯޓްލުމަށް ފަށަނީ ވެސް އެގައުމުގެ ގަޑިން ހެނދުނު 8:00 އަކުން 16:30 އަށެވެ. ލަންޑަނުގައި އެގައުމުގެ ގަޑިން 9:00 އަކުން ފެށިގެން 17:30 ވޯޓްލާން ނިންމާފައިވާ އިރު މެލޭޝިއާގައި ވޯޓްލުމަށް ނިންމާފައި ވަނީ އެގައުމުގެ ގަޑިން 10:30 އިން 19:00 އަށެވެ. އަދި ސިންގަޕޫރުގައި އުޅޭ ދިވެހިން ވޯޓް ލުމަށް ހަމަޖެހިފައި ވަނީ އެގައުމުގެ ގަޑިން ހެނދުނު 10:30 އިން 19:00 އަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ފަހު، ދެ ވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އެ ބުރު ޖެހިގެން އަންނަ އާދިއްތަ ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ރޭ ވަނީ ނިންމާފަ އެވެ.
އިލެކްޝަނުން ރޭ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ދެވަނަބުރަށް ރަޖިސްޓްރީ ކުރުމަށް މިއަދު ހެނދުނު 9:00 ފެށިގެން ތިން ގަޑިއިރުގެ ފުރުސަތެއް ހުޅުވާލާފައިވާ ކަމަށެވެ. ރީ ރަޖިސްޓްރީ ކުރުމުގެ ސުންގަޑި ހަމަވާނީ މިއަދު މެންދުރު 12:00 އަށެވެ. ދެވަނަ ބުރަށް ރެޖިސްޓްރީ ކުރަން ޖެހެނީ ފުރަތަމަ ބުރުގައި ވޯޓުލީ ތަން އަލުން ބަދަލުވާ ނަމަ އެވެ.