07 Nov 2013, 09:49
ދުނިޔޭގެ ބިމަށް ދަމާ ބާރު ފޯރާ ސަރަހައްދު ދިރާސާކޮށް ކުރެހުމަށް ޔޫރަޕިއަން ސްޕޭސް އެޖެންސީން ފޮނުވާފައި ސެޓެލައިޓް ވަރަށް އަވަހަށް ވެއްޓޭނެ ކަމަށް އެއެޖެންސީން ބުނެފި އެވެ.
ޔޫރަޕިއަން ސްޕޭސް އެޖެންސީއާ ހަވާލާދީ އެމެރިކާގެ ނިއުޔޯކް ޓައިމްސް ބުނީ އެސެޓެލައިޓް ވެއްޓޭނީ ކޮންވަގުތެއްގައި، ދުނިޔޭގެ ކޮން ތަނަކަށް ކަމެއް ނޭނގޭ ކަމަށެވެ.
އެސެޓެލައިޓްގެ 45 ބައެއް ބިމަށް ވެއްޓޭ އިރު އޭގެ ތެރެއިން ބައެއް ބައިތައް 90 ކިލޯއަށް ވުރެ ބަރުވާނެ އެވެ.
"ސްޕޭސް ކްރާފްޓް އެނބުރި ވަންނާނީ ކޮން ތަނަކަށް ކަމެއް އޭގެ އަސަރުކުރާނީ ކޮން ތަނަކަށް ކަމެއް ދެނެގަތުމަކީ ވަރަށް އުނދަގޫ ކަމެއް،" ޔޫރަޕިއަން ސްޕޭސް އެޖެންސީގެ މިޝަން މެނޭޖަރް ފްލޮބާޣަޣެން ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
ގްރެވިޓީ ފީލްޑް އެންޑް ސްޓީޑީ ސްޓޭޓް އޯޝަން ސާކިއުލޭޝަން އެކްސްޕްލޮރާ ( ގޯޗޭ) ގެ ނަންދީފައިވާ އެސެޓެލައިޓް ދުނިޔޭގެ ވައިގެ ފަށަލައިގެ ތެރެއަށް ވަންނާނެ ކަމަށް އެންމެ ބޮޑަށް ލަފާ ކުރެވެނީ އަންނަ އާދީއްތަ ދުވަހު ކަމަށާއި ނަމަވެސް ހޯމަ ދުވަހާ ހަމައަށް ލަސްވެދާނެ ކަމަށް ވެސް ޔޫރަޕިއަން ސްޕޭސް އެޖެންސީން ބުނެފައިވެ އެވެ.
ސެޓެލައިޓް ވެއްޓުމުގެ ސަބަބުން މީހަކަށް އަނިޔާވުމުގެ ފުރުސަތު ކުޑަ ކަމަށާއި އެހެން ނަމަވެސް އެފުރުސަތު އެބަ އޮތް ކަމަށް ބާޣަޣެން ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ގޯޗޭ ވެއްޓުމުގެ ސަބަބުން ނުރައްކަލަށް ހުށައެޅިގެން ދާނީ ބިމުގެ ސަތަހައިގެ އެންމެ 15 ނޫނީ 20 އަކަ ޔާޑު ކަމަށެވެ.
"ޕްލެނެޓްގެ މުޅި ސަތަހައާ އަޅާ ކިޔާ ނަމަ އެއީ ވަރަށް ކުޑަ މިންވަރެއް،" އޭނާ ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
ގޯޗޭ ރަނގަޅަށް އެނބުރުމަށް ބޭނުންވާ ހަކަތަ ( ޕްރޮޕެލެންޓް) ހުސްވީ މިދިޔަ މަހުއެވެ. އޭގެ ފަހުން އެސެޓެލައިޓް އަންނަނީ ދުވާލަކު 2.5 މޭލަށް ބިމާ ކައިރިއަށް ޖެހެމުންނެވެ. ނަމަވެސް ކޮންމެ 88 މިނެޓަކުން އެސެޓެލައިޓް މިހާރު ވެސް އަންނަނީ ބިން ވަށައި ބުރެއް ޖަހަމުންނެވެ. އެގޮތުން ޖަހަމުންދާ ބުރުގައި ދުނިޔޭގެ ހުރިހާ ހިސާބަކާ ވެސް އެސެޓެލައިޓް ކޮންމެ ވެސް އެއްވަގުތެއްގައި ސީދާ ވެއެވެ.