ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިނގިރޭސި ވަލީ އަހުދު ޕްރިންސް ޗާލްސްއާ ބައްދަލު ކުރައްވައިފި އެވެ.
ޕްރިންސް ޗާލްސްގެ ރަސްމީ ގެކޮޅު ކްލަރެންސް ހައުސްގައި ބުރާސްފަތި ދުވަހު އޮތް ބައްދަލު ކުރެއްވުމުގައި މިދިޔަ އަހަރު ޑިސެމްބަރުމަހު ކޯޕަންހޭގަންގައި ބޭއްވުނު "ކޮޕް15" ސަމިޓުގެ ފަހުން، ދުނިޔޭގެ މޫސުމާ އަންނަ ބަދަލުތަކާބެހޭ ވާހަކަތައް ކުރިއަށް ގޮސްފައިވާގޮތާ ބެހޭގޮތުން ރައީސް ނަޝީދާއި ޕްރިންސް ޗާލްސްއާ ހިޔާލު ބަދަލުކުރެއްވެވި އެވެ. މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖެއަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ވެސް އަލި އަޅުވައިލެއްވެވި އެވެ.


ރައީސް ނަޝީދުގެ ވާހަކަފުޅުގައި ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ ރަށް ގިރުމުގެ މައްސަލައަށާއި، ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން ފަރުތަކަށް ލިބެމުންދާ ގެއްލުމުގެ މައްޗަށާއި، ރާއްޖޭގެ މަސްވެރިކަމަށް ކުރަމުންދާ އަސަރުތަކުގެ މައްޗަށް ބައްލަވާލައްވައި ތިމާވެށްޓާ ރައްޓެހި ޢިއާދަކުރެވޭ ހަކަތައިގެ ބާވަތްތައް ރާއްޖެއަށް ތަޢާރަފް ކުރެއްވުމަށް ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢުތަކާބެހޭ މަޢުލޫމާތުވެސް ޕްރިންސް ޗާލްސްއަށް ދެއްވިއެވެ.
ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ކުރެވެމުންދާ މަސައްކަތްތަކާބެހޭ މަޢުލޫމާތު ޕްރިންސް ޗާލްސް ވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އޮޅުންފިލުއްވެވި އެވެ.