ޖިނާއީ ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާ ހަ މީހަކު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މި ހަ މީހުން ހޯދަން ފަށާފައި ވަނީ ބަންދުގައި ބަހައްޓައިގެން އެމީހުން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާތީވެ ކަމަށެވެ.

މި އަމުރުގެ ދަށުން ފުލުހުން ހޯދަމުން ދަނީ ގދ. މަޑަވެލި، ސަންލައިޓް، ހާމިދު ގާސިމް (40އ) އާއި ގދ. ގައްދޫ، ބްލާޝަމްގެ، މުހައްމަދު އަތީފް (36އ) އާއި ޏ. ފުވައްމުލައް، ވެލިރަންގެ، ހަސަން ހުސައިން (32އ) އާއި ކ. ކާށިދޫ، މާފޮޅޭގެ، އިބްރާހީމް މައުރޫފް (28އ) އާއި ޏ. ފުވައްމުލައް، ހޯދަޑިގެ، މުހައްމަދު އިބްރާހީމް (35އ) އަދި ނ. މަނަދޫ، ސީސަންގެ، މުހައްމަދު އަބްދުލްޖަލީލު (32އ) ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މި ހަ މީހުންނަކީ ވެސް މަސްތުވާތަކެއްޗާ ބެހޭ ތަފާތު މައްސަލަތަކުގައި ކޯޓަށް ހާޒިރުކުރުމަށް އުޅެ، ހާޒިރުކުރެވިފައި ނުވާ މީހުން ކަމަށެވެ. މިމީހުންގެ މައްޗަށް އުފުލިފައިވާ ދައުވާތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރުމާއި ވިޔަފާރިކުރުމާއި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ޑައެމޯފިން ގެންގުޅުމުގެ ކުށުގެ ދައުވާތައް ހިމެނެ އެވެ.

މިމީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ވީ އެންމެ އަވަހަކަށް 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.