ރައްޔިތުން މަޖިލީހުގެ ވޯޓެއް ނަގައިގެން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމުން ވަކިކުރަން ފުރުސަތު ނުދެއްވާނެ ކަމަށް އެ މަގާމުގައި ހުންނެވި އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
~
މުއިއްޒުގެ އިތުބާރު ނެތް ކަމަށް މިނިވަން މުވައްސަސާތަކުގެ ކޮމެޓީން ފާސްކޮށް، އެ މައްސަލާގައި ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވަން ތައްޔާރުކޮށްފައި ވަނިކޮށް، އެމަނިކުފާނު "ސަން"އަށް ވިދާޅުވީ އިތުބާރު ނެތް ކަމުގެ ވޯޓެއް މަޖިލީހުގައި ނެގުމުގެ ކުރިން އިސްތިއުފާ ދެއްވުމަކީ ވެސް ލިބިވަޑައިގެންފައިވާ ހައްގެއް ކަމަށެވެ.

ޕީޖީގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރުމަށް އެމްޑީޕީގެ 26 މެމްބަރަކު ސޮއިކޮށް ކޮމެޓީއަށް ހުށަހެޅި މައްސަލައިގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތަށް ކޮމެޓީން ފުރިހަމަކޮށްފައި ނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މައްސަލާގައި ޝަރުއީ ކޯޓަކަށް ގޮސްފިނަމަ ކޮމެޓީން އިޖުރާއަތްތައް ފުރިހަމަ ނުކުރާ ކަމަށް ކަނޑައެޅޭނެ ކަމަށް ވެސް ދެކެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުގެ މައްޗަށް މަޖިލީހުގެ ތަޅުމުގައި އިތުބާރު ނެތް ކަމަށް ވޯޓަކަށް ނާހާނެ. އަޅުގަނޑަށް އެބަ އޮތް އިތުބާރު ނެތް ކަމަށް ވޯޓު ނެގުމުގެ ކުރިން އިސްތިއުފާ ދިނުމުގެ ހައްގު ވެސް. އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުގެ މައްސަލައިގައި މިހާތަނަށް އަމަލުކޮށްފައިވަނީ އަމަލުކުރަން ޖެހޭ އިޖުރާއަތުތާކައި ހިލާފަށް. އަޅުގަނޑަށް އެބަ އޮތް ކޯޓަށް ދިއުމުގެ ހައްގުވެސް،" ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މަޖިލީހުން ހޮއްވެވުމުން ޕީޖީގެ މަގާމަށް ވަޑައިގެންނެވި މުއިއްޒު ވިދާޅުވި އެވެ.

އިތުބާރުނެތް ކަމުގެ ވޯޓު ނަގަން މަޖިލީހަށް ފުރުސަތު ނުދޭނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް އެ ފުރުސަތު މަޖިލީހަށް ނުދެނީ ކިހިނަކުން ކަމެއް އެމަނިކުފާނު ވިދާޅެއް ނުވި އެވެ. މަގާމުން އިސްތިއުފާ ދެއްވާނީތޯ ނުވަތަ ކޯޓަކަށް ވަޑައިގަންނަވާނީތޯ ސުވާލު ދެންނެވުމުން ޕީޖީ ޖަވާބެއް ނުދެއްވި އެވެ.

މުއިއްޒުގެ އިތުބާރު ނެތް ކަމަށް މިނިވަން މުވައްސަސާތަކަށް ހުށަހަޅާފައިވާ މައްސަލައިގަ ދިފާގުގައި ލިޔުމުން ޖަވާބުދާރީވުމަށް އެ ކޮމެޓީން އެންގުމާއި ގުޅިގެން އެމަނިކުފާނު ވަކީ ލިޔުމުން ޖަވާބުދާރީވެވަޑައިގެންފަ އެވެ. ނަމަވެސް މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީ ވެވަޑައިގަތުމަށް އެކަށީގެންވާ ވަގުތު ލިބިވަޑައި ނުގެންނެވި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީ ސަރުކާރުގައި ޕްރޮސެކިއުޓަ ޖެނެރަލް ކަމުގެ މަގާމަށް މއ. ޑޯންޝައިން އަހްމަދު މުއިއްޒު އޭރުގެ ރައީސް ނަޝީދު އައްޔަން ކުރެއްވީ ޖުލައި 29، 2009،ގަ އެވެ. ގާނޫނު އަސާސީގެ ދަށުން އުފައްދަންޖެހޭ ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް މުއިއްޒު އައްޔަން ކުރަން މަޖިލީހުން ފާސް ކުރީ ސެޕްޓެމްބަރު 4، 2009ގައި މަޖިލީހުގައި ނެގި ވޯޓަކުން 71 މެންބަރުންގެ އަގުލަބިއްޔަތު ލިބިގެންނެވެ. އެމަނިކުފާނު އެމަގާމަށް ގެނައުމަށް ހުރިހާ ޕާޓީތަކުގެ މަޖިލިސް މެންބަރުން ވެސް ވޯޓު ދެއްވި އެވެ.

ނަމަވެސް އެމްޑީޕީން މުއިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ހުށަހަޅާ ސަބަބުތަކަކީ ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓުގައި ބުނެފައިވާ ގޮތަށް ފުލުހުންނާ ސިފައިންނާމެދު ފިޔަވަޅު އެޅުމުގައި ޕީޖީ ގާނޫނީ ޒިންމާ އަދާކުރައްވާފައި ނެތުމާއި ދައުވާކުރަން ފޮނުވުމުގައި ތަފާތުތަކެއް ގެންގުޅޭ ކަމަށް ތުހުމަތު ކުރެ އެވެ.