ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ފަހު، ދެ ވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އެ ބުރު ޖެހިގެން އަންނަ އާދިއްތަ ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ރޭ ނިންމައިފި އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އާދީއްތަ ދުވަހު ބާއްވަން ރިޔާސީ ކެންޑިޑޭޓުންގެ މަންދޫބުންނާއި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އެއްބަސްވާ ގޮތަށް އިންތިހާބުގެ ކަލަންޑަރެއް ވަނީ އެކުލަވާލާފަ އެވެ.

އިލެކްޝަނުން ރޭ ނެރުނުއިއުލާނެއްގައިބުނެފައި ވަނީ އެގޮތުން ރީ ރަޖިސްޓްރީ ކުރުމަށް މިއަދު ހެނދުނު 9:00 ފެށިގެން ތިން ގަޑިއިރުގެ ފުރުސަތެއް ހުޅުވާލާފައިވާ ކަމަށެވެ. ރީ ރަޖިސްޓްރީ ކުރުމުގެ ސުންގަޑި ހަމަވާނީ މިއަދު މެންދުރު 12:00 އަށެވެ. ދެވަނަ ބުރަށް ރެޖިސްޓްރީ ކުރަން ޖެހެނީ ފުރަތަމަ ބުރުގައި ވޯޓުލީ ތަން އަލުން ބަދަލުވާނަމަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭ ދަންވަރު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ދުވަހު ވޯޓު ލުން އޮންނާނީ އާދީއްތަ ދުވަހުގެ ހެނދުނު 7:30 ފެށިގެން ހަވީރު 4:00 އަށް ކަމަށެވެ. ދެވަނަ ބުރުގެ ވޯޓުލުން ނިމެތާ 30 މިނިޓް ތެރޭގައި ވޯޓު ގުމުމުގެ މަސައްކަތް ފެށޭނެ ކަމަށާއި އެ އިންތިހާބުގެ ނަތީޖާ އިއުލާން ކުރާނީ އާދީއްތަ ދުވަހުގެ ރޭ 11:30 ގައި ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ވޯޓުލުން އަވަސް ކުރީ ރިޔާސީ ދައުރު ނޮވެމްބަރު 11އަށް ހަމަވާތީ، އެއަށްވުރެ ކުރިން ރައީސަކު އިންތިހާބު ކުރުމަށް ރިޔާސީ ތިން ކެންޑިޑޭޓުން އެއްބަސްވެވަޑައިގަތުމުންނެވެ. ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއެކު ރިޔާސީ ތިން ކެންޑިޑޭޓުން ބޭއްވި ބައްދަލުވުމުގައި އެއްބަސްވެފައި ވަނީ އިންތިހާބުގެ ދެ ވަނަ ބުރު އާދީއްތަ ދުވަހު ނުވަތަ ހޯމަ ދުވަހު ބޭއްވުމަށެވެ. ކެންޑިޑޭޓުން އެގޮތަށް އެއްވަސްވެވަޑައިގަތުމާ ގުޅިގެން ރައީސް ވަހީދު ވަނީ އިލެކްޝަންސް ކޮމިޝަންގެ ހަތަރު މެންބަރުންނާއި ރިޔާސީ ކެންޑިޑޭޓުންގެ މަންދޫބުންނާއެކު ރައީސް އޮފީހުންގައި އިއްޔެ ހަވީރު ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި އިލެކްޝަނުން ރައީސަށް ހުށަހެޅީ އިއްތިހާބު އާދީއްތާގައި ބާއްވާތީ އަލަށް 18 އަހަރު ފުރޭ ކުދިންގެ އަދަދަށް ބަދަލު ގެނެސް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުން ބައެއް ކުދިންގެ ނަންތައް އުނިކުރަން ޖެހޭނެ ކަމަށެވެ.

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒު ހަސަން ސަންއަށް ވިދާޅުވީ އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތައް އެ ކޮމިޝަނުން ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށެވެ. ނަމަވެސް ވޯޓު ކަރުދާސް ޗާޕު ކުރަން 72 ގަޑިއިރު ނުވަތަ ތިން ދުވަސް ނަގާނެ ކަމަށް ފަޔާޒު ވިދާޅުވި އެވެ. ވޯޓު ކަރުދާސް އަވަހަށް ޗާޕު ކުރުމަށް ނޮވެލްޓީ ޕްރިންޓާސްއާ ވާހަކަދައްކަމުންދާ ކަމަށް ފަޔާޒު ރޭ ވިދާޅުވި އެވެ.