07 Nov 2013, 00:36
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެއްވެސް އިންތިޚާބެއްގައި ވާދަ ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓުން ބޭރުކޮށްލާފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.
ނަޝީދުގެ ކެންޑިޑެސީ ބާތިލް ކުރުމަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލީ އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ މަޝްވަރާ ކުރުމަށްފަހު އެވެ.
ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފު ވިދާޅުވީ ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ފަސް ފަނޑިޔާރެއްގެ އަގުލަބިއްޔަތު ލިބިފައިވާ ކަމަށެވެ. އަދި ނަޝީދުގެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ގެންދިއުމަށް ފެންނަ ކަމަށް ދެ ފަނޑިޔާރަކު އެދުނު ކަމުގެ މައުލޫމާތު އެ ޕާޓީއަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޝީދާ ދެކޮޅު މައްސަލަ ކޯޓުގައި ކުރިއަށް ގެންދަން ފެންނަ ކަމަށް، އަދި ނުފެންނަ ކަމަށް ނިންމާފައިވާ ފަނޑިޔާރުންގެ ނަންތަކެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ކޯޓުން ބޭރުކޮށްލުމާ ގުޅިގެން އެ މައްސަލަ ހުށަހެޅުއްވި ޕީޕީއެމްގެ ކައުންސިލްގެ މެމްބަރު ލޯޔަރު ވައްޑެ ފޯނު ނުނަންގަވާތީ، އޭނާގެ ބަހެއް ލިބޭ ގޮތެއް އަދި ނުވި އެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ކޯޓުން ބޭރުކޮށްލި ކަމެއް އަދި އޭނާއަކަށް އަންގާފައެއް ނުވެ އެވެ.
ނަޝީދާ ދެކޮޅަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި ދުވަހު ލޯޔަރު ވައްޑެ ވިދާޅުވީ ނަޝީދުގެ އަމަލުތައް ހުރީ ގާނޫނު އަސާސީ އާއި އޭގެ ރޫހާ ޚިލާފަށް ކަމަށް ވާތީ އެމަނިކުފާނުގެ ކެންޑިޑެސީއާ މެދު ގޮތްތަކެއް ނިންމަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމށެވެ.
ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ގެކޮޅު ވެލާނާގެއިން ވައްކަން ކުރި ކަމަށް ސާބިތުވެފައި ވާތީ 2008 ވަނަ އަހަރު ވެސް ނަޝީދާ ދެކޮޅަށް ސުޕްރީމް ކޯޓުގައި ޝަރީއަތް ހިންގި އެވެ. ނަމަވެސް ނަޝީދުގެ މައްޗަށް ސާބިތުވެފައި ވަނީ ދީނުގައި ހައްދު ކަނޑައެޅިފައިވާ ވައްކަމެއް ކަމަށް ނުވާތީ ނަޝީދުގެ ކެންޑިޑެސީ ބާތިލު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން އޭރު ނިންމި އެވެ.
ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން އިސްލާމް ދީނުގެ ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރިކަން ސާބިތުވެފައިވާ ނަމަ ރައީސް ކަމަށް ވާދައެއް ނުކުރެވޭނެ އެވެ.