07 Nov 2013, 00:05
އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިޚާބުގައި މާލޭގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ލިސްޓު ފިޔަވައި އެހެން ހުރިހާ ވޯޓާސް ލިސްޓެއްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ސޮއިކޮށް ނިންމާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ސެކަރެޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު މިރޭ ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 239105 މީހުން ތެރެއިން އަތޮޅު ތެރޭގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ލިސްޓުތަކާއި ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ލިސްޓުގައި އެމްޑީޕީން ސޮއިކޮށް ނިންމީ މިރޭ އިރާކޮޅު ކަމަށެވެ. ރިޔާސީ ކެންޑިޑޭޓުންގެ ފަރާތުން ފައިނަލް ވޯޓާސް ލިސްޓުގައި ސޮއި ކުރަން ފެށީ މިއަދު ހެނދުނު އެވެ.
ޖޭޕީ އާއި ޕީޕީއެމުން ފައިނަލް ވޯޓާސް ލިސްޓުގައި ސޮއިކޮށް އަދި ނުނިމެ އެވެ. ޖޭޕީން ސޮއިކޮށް ނިމުނީ އެންމެ ތިން އަތޮޅެއްގެ ވޯޓު ފޮށީގެ ލިސްޓުގަ އެވެ. ލިސްޓުގައި ސޮއި ކުރުމަށް ޖޭޕީއާއި ޕީޕީއެމުން ލަސްވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ ހުރިހާ މީހުންގެ ނަންތައް ވަކިވަކިން ޗެކްކުރަމުން ގެންދާތީ އެވެ.
އެމްޑީޕީން ފައިނަލް ވޯޓާސް ލިސްޓުގައި އަވަހަށް ސޮއިކޮށް ނިންމީ، އެމްޑީޕީއަށް އިލެކްޝަނުން ހަވާލު ކުރި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ސޮފްޓް ކޮޕީ ރެންޑަމްކޮށް ބަލައި، ޗެކް ކުރުމަށްފަހު ސޮއި ކުރަން ފެށުމުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒު ހަސަން ވިދާޅުވީ ކެންޑިޑޭޓުންގެ ފަރާތުން ސޮއިކޮށް އަދިވެސް ނުނިމޭތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި މާދަމާ ހެނދުނު އަތޮޅުތަކަށާއި ރާއްޖެއިން ބޭރަށް ފޮނުވާލަންޖެހޭ ލިސްޓުތަކުގައި އަދިވެސް ސޮއިކޮށް ނުނިމޭ ކަމަށެވެ.
ސެޕްޓެމްބަރުގައި ހަތެއްގައި ބޭއްވި ރިޔާސީ އިންތިހާބު ބާތިލު ކުރި ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ފައިނަލް ވޯޓާސް ލިސްޓު ސައްހަ ކަމަށް އެއްބަސްވާން ޖެހޭނެ އެވެ.