02 Dec 2010, 18:48
މާޒީގައި ރާއްޖޭގެ ނޫސްވެރިކަމުގެ މާހައުލު އޮތީ ވަކި ބައެއްގެ ނުފޫޒުން "ތަޅު" އަޅުވާފައި ކަމަށް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ޝަހީބު މީޑިއާ ކޮންސަލްޓެންސީން ހިންގި ފުރަތަމަ ނޫސްވެރިކަމުގެ އަސާސީ ތަމްރީނު ކޯސް ނިމުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ނޫސްވެރި ކަމުގެ މާޒީގައި އޮތް "ކިލަނބު" ކަމުން ރާއްޖެއަށް މިއަދު އަރައިގަނެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު އޮތް ނޫސްވެރިކަމުގެ މާހައުލުގައި މަސައްކަތްކުރާނެ ގާބިލުކަން ލިބިފައިވާ ނޫސްވެރިން ދިވެހި މުޖުތަމައުއަށް ބޭނުންވެފައިވާ ކަމަށެވެ.
މިޑިއާ ކޮންސަލްޓަންސީ ދިނުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެދުނު ކުންފުނިން 10 ދުވަހުގެ މުއްދަތައް ހިނގި ބޭސިކް ކޯހުގައި 60 ފަރާތަކުން ބައިވެރިވި އެވެ. އޭގެ ތެރެއިން 59 ފަރާތަކުން ކޯސް ފުރިހަމަކުރި އެވެ.
އެމްއެންބީސީ ވަންއާއި މޯލްޑިވްސް ޕޮލިޓެކްނިކާ ގުޅިގެން ޝަހީބު ކޮންސަލްޓެންސީން ހިންގި ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ދެއްވީ ނައިބް ރައީސާއި ސަންއޮންލައިންގެ އެގްޒެކެޓިވް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) އާއި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު އަލިމަނިކެވެ.
އެ ރަސްމިއްޔާތުގައި ޝަހީބު މީޑިއާ ކޮންސަލްޓަންސީގެ ސީއީއޯ އަދި މަޝްހޫރު ނޫސްވެރިޔާ މުހައްމަދު ޝަހީބު ވިދާޅުވީ ރާއްޖޭގައި ނޫސްވެރިކަން ފުޅާ ވަމުން އަންނަ މިންވަރަށް ބަލާއިރު ހުނަރުވެރި ނޫސްވެރިން ބޭނުންވެފައިވާ ކަމަށެވެ. ސަރުކާރުގެ ވުޒާރާތަކަށް ވެސް ނޫސްވެރިކަމުގެ ހުނަރުހުރި ގާބިލު ބަޔަކު ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެ ކުންފުނިން ހިންގި ކޯހުގެ ބައިވެރިންނަށް މިހާރު ނޫސްވެރި ކަމުގެ "ފައިވާނު" ގައި ހިނގައި ގަނެވޭނެ ކަމަށާއި އެ ފަރާތްތަކަށް ކޯހުން ލިބުނު ތަމްރީނުތަކުން ޚަބަރު ހޯދާ ތައްޔާރު ކުރުމުގެ ގާބިލުކަން ލިބިފައިވާނެ ކަމަށެވެ.
ޝަހީބު މީޑިއާ ކޮންސަލްޓަންސީން ހިންގި ނޫސްވެރި ކަމުގެ ބޭސިކް ކޯހުގައި ބައިވެރިވި ކޮންމެ ފަރާތެއްގެ އަތުން 2500ރ. ފީއެއް ނެގި އެވެ.