އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް، ރަށްވެހިވެފައިވާ ރަށް ނޫން ރަށްރަށުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ މީހުންގެ ފޯމްތަކުގައިވާ އިނގިލީގެ ނިޝާންތައް ސައްހަތޯ ބެލުމުގައި، މިހާރު ގަޑިއަކު 600 ފޯމް ޗެކް ކުރެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިނގިލީގެ ނިޝާންގެ ޞައްޙަކަން ބެލުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން (ޑީއެންއާރު) ފުލުހުންނަށް ހުށަހަޅާފައިވާ ގިނަ ޢަދަދެއްގެ ފޯމުތަކުގެ ޞައްޙަކަން ބެލުމުގައި ފުލުހުންގެ ފޮރެންސިކް ޑިޕާޓްމަންޓުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް 15،000 އަށް ވުރެ ގިނަ ފޯމް ސައްހަތޯ ބަލާފައިވާ ކަމަށެވެ.

އިނގިލީގެ ނިޝާނުގެ ޞައްޙަކަން ދެނެގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ އެކު ޑީއެންއާރު މެދުވެރިކޮށް 40،000 އަށް ވުރެ ގިނަ ފޯމް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާތަނަށް 9000 އަށް ވުރެ ގިނަ ފޯމްގެ ސައްހަކަން ބެލުމަށް ފަހު ފުލުހުން ފޮނުވާފައިވާ ކަމަށެވެ. އެ ފޯމްތަކުގެ ތެރެއިން 294 ފޯމް ވަނީ ރިޖެކްޓްވެފަ އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ފޯމްތަކުގެ ވެރިންނަށް ވެސް ވޯޓު ލެވޭނެ ކަމަށެވެ.