ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދުގެ އަނބިކަނބަލުންނަށާއި އޭނާގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅު ގަޔަށް ވަޅި ހެރި މީހާގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފި އެވެ.

އާއިލީ މައްސަލަތަކެއްގެ ތެރޭގައި ހިނގި މާރާމާރީގައި ވަޅި ހަރައިގެން ހައްޔަރު ކުރީ ކޮމަންޑޫ ދާއިރާގެ މެމްބަރުގެ އަނބިކަނބަލުންގެ އެއްބަޑު ބޭބެ މުހައްމަދު ނަޖާހު، 30، އެވެ. އެ ދެމައިނަށް ހަމަލާދީފައި ވަނީ ހ. އަޒުމްގޭގެ ހަ ވަނަ ފަންގިފިލާގަ އެވެ.

އޭޑީކޭއިން އެ ދެމައިނަށް ރޭ ގެންދިޔަ ދަރިފުޅުގެ ހާލު ސީރިއަސް އެވެ. ނަމަވެސް މިހާރު ދެމައިންވެސް ރަނގަޅުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އޭޑީކޭގެ އޮފިޝަލަކު ސަންއަށް މިއަދު ވިދާޅުވީ ހުސައިން ވަހީދުގެ ތުއްތު ދަރިފުޅުހެ ހާލު ރަނގަޅުވަމުން އަންނާތީ އައިސީޔޫ އިން ނެރެފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ ތުއްތު ކުއްޖާގެ ކަރުގެ ދެ ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި މެމްބަރު ހުސެއިންގެ އަންހެނުންގެ ބޮލަށާއި އަތަށާއި ކަރަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ފުރާނަ އަށް ނުރައްކާ ނޫން ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.