06 Nov 2013, 21:57
މުސްލިމުންގެ ތިންވަނަ ޙަރަމްފުޅު ކަމަށް ވާ އަލްމަސްޖިދުލް އަޤްޞާގެ ގޯތިތެރޭގައި އަޅުކަން ކުރުމުގެ ފުރުޞަތު ޔަހޫދީންނަށް ދިނުމާ ބެހޭގޮތުން އިސްރާއީލުގެ ގާނޫނު ހަދާ މަޖިލިހުގައި މަޝްވަރާ ކުރާން ފަށައިފިއެވެ.
މީގެ ދެ ދުވަސް ކުރީން އިސްރާއީލުގެ ގާނޫނު ހަދާ މަޖިލިސް ނެސެޓުގެ ކޮމިޓީއެއްގައި މިކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޓަކައި ބޭއްވި ބައްދަލުވުމެއްގައި، ކޮމިޓީގައި ތިއްބެވި އިސްރާއީލީ ޢަރަބި މެންބަރުން އެކަމާ ތަކުރާރުކޮށް ދެކޮޅު ހެއްދެވުމުން، އެ ބޭފުޅުން ވަނީ، އެންމެ ފަހުން، ބާރުގެ ބޭނުން ކޮށްގެން ޖަލްސާއިން ނެރެ ބޭރު ކުރެވިފައެވެ.
ނެސެޓުގެ ދާޚިލީ ކަންކަމާ ބެހޭ ކޮމިޓީގައި ހޯމަ ދުވަހު ވަރަށް ދިގުކޮށް ބަހުސް ކުރެވުނު ނަމަވެސް، އަދި ވަކި ގޮތެއް ނިންމައިފައެއް ނުވެއެވެ. ކޮމިޓީގެ މުގައްރިރު މިރީ ރެގެވް ވިދާޅުވެފައި ވަނީ، "ޔަހޫދީން ބޭނުން ކޮންމެ ތާކު އަޅުކަން ކުރުމުގެ މިނިވަންކަން އެމީހުންނަށް އޮންނާން ޖެހޭނެ" ކަމަށާއި، އެއީ "ދީނީ މިނިވަންކަމުގެ ހައްގުގެ ބައެއް" ކަމަށެވެ. ރެގެވަކީ އިސްރާއީލުގެ ވެރިކަން ކުރާ ލިކޫޑް ޕާޓީގެ މެންބަރެކެވެ. ދާޚިލީ ކަންކަމާ ބެހޭ ކޮމިޓީގެ އަޣުލަބިއްޔަތު އޮތީ ވެސް ލިކޫޑް ޕާޓީއަށެވެ.
މަސްޖިދުލް އަޤްޞާގެ ކަންކަން މިހާރު ބަލަހައްޓަނީ މުސްލިމުންނެވެ. ނަމަވެސް އިސްރާއީލުގެ މިނިސްޓްރީ އޮފް ރިލިޖަސް އެފެއަރޒްގެ ނާއިބު، އަދި ހަރުކަށި ޔަހޫދީ ސިޔާސީ ޕާޓީއެއް ކަމަށް ވާ ޖުވިޝް ހޯމް ޕާޓީގެ ލީޑަރެއް ކަމަށް ވާ އެލީ ބެން ދަހާން ވިދާޅުވެފައި ވަނީ ޔަހޫދީންނަށް އަޤްޞާ މިސްކިތުގެ ސަރަހައްދުގެ ތެރޭގައި އަޅުކަން ކުރެވޭނޭ މަގު ފަހި ކުރުމަށް ޓަކައި ރިލިޖަސް އެފެއަރޒް މިނިސްޓްރީން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
ދީނީ ރައްބީއެއް ކަމަށް ވާ އެލީ ބެން ދަހާން ވިދާޅުވި ގޮތުގައި، މަސްޖިދުލް އަޤްޞާގެ ގޯތިތެރޭގައި ޔަހޫދީން އަޅުކަން ކުރުމާ ބެހޭގޮތުން އިސްރާއީލުގެ އިސް ރައްބީންނާ ވެސް މިހާރު ދަނީ މަޝްވަރާ ކުރެވެމުންނެވެ.
މަސްޖިދުލް އަޤްޞާ ބިނާ ކުރެވިފައި ވާ ބިމަކީ ޔަހޫދީންގެ ތެރޭގައި "ޓެމްޕަލް މައުންޓް" ގެ ނަމުން މަޝްހޫރު ވެފައި ވާ ސަރަހައްދެކެވެ. އެއީ ޔަހޫދީންގެ ގާތުގައި ވެސް މުޤައްދަސް ތަނެކެވެ. މުސްލިމުން ޤަބޫލު ކުރާ ގޮތުގައި އެ ތަނަކީ މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަ ސައްލަމަ މިޢުރާޖު އަރައިވަޑައިގަތް ސަރަހައްދެވެ. އެ ސަރަހައްދުގައި މަސްޖިދުލް އަޤްޞާ ބިނާ ކުރެވިފައި ވަނީ، އެތައް ގަރުނެއް ވާންދެން، ބައިޒެންޓައިން ކްރިސްޓިއަނުން އެ ތަން ގޮނޑެއްގެ ގޮތުގައި ބޭނުން ކޮށްފައި ވަނިކޮށެވެ. މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނު ޤުދުސް ފަތަޙަ ކުރެއްވުމަށް ފަހުގައެވެ.
މަސްޖިދުލް އަޤްޞާ ޔަހޫދީންނަށް ހުޅުވައިލުމާ ބެހޭގޮތުން އިސްރާއީލުގެ ނެސެޓުގައި މަޝްވަރާތައް ކުރިޔަށް ދާ އިރު، އެކަމާ ގުޅިގެން ފަލަސްޠީނުގެ އޮފިޝަލުން ބުނެފައި ވަނީ މިއީ މުސްލިމުން ރުޅި އެރުވުމަށާއި، މުސްލިމުން ލައްވައި ކަތި ފިޔަވަޅުތަކެއް އެޅުވުމަށް ޓަކައި ކުރާ ނުރައްކާތެރި ކަމެއް ކަމަށެވެ.
އިސްރާއީލުގެ ނެސެޓުގެ ޢަރަބި މެންބަރުން ވިދާޅުވެފައި ވަނީ މަސްޖިދުލް އަޤްޞާގެ ސަރަހައްދު ޔަހޫދީންނަށް އަޅުކަން ކުރުމަށް ޓަކައި ހުޅުވައިލައިފި ނަމަ، ތިންވަނަ އިންތިފާޟާއެއް ފެށިދާނެ ކަމަށެވެ.
މި ވާހަކައަށް ޖަވާބު ދެއްވަމުން، ނެސެޓުގެ ދާޚިލީ ކަންކަމާ ބެހޭ ކޮމިޓީގެ މުގައްރިރު މިރީ ވިދާޅުވެފައި ވަނީ "ތިންވަނަ އިންތިފާޟާއެއްގެ ވާހަކަ ދެއްކުމަކީ ޒިންމާދާރު ނުވުން" ކަމަށެވެ. އަދި އޭނާ ވިދާޅުވެފައި ވަނީ "އަހަރެމެން ކޮންމެހެން މުސްލިމުން އަޤްޞާ މިސްކިތުގައި މުސްލިމުން ނަމާދު ކުރުން ހުއްޓުވާން ބޭނުމެއް ނޫން" ކަމަށާއި، "އަހަރެމެން ބޭނުން ވަނީ ޔަހޫދީންނަށް ވެސް އެ ސަރަހައްދުގައި އަޅުކަން ކުރެވޭނޭ މަގު ފަހި ކުރުން" ކަމަށެވެ.