06 Nov 2013, 21:48
އައްޑޫ ސިޓީ އީކުއޭޓާ ހޮޓަލު ބީޗުގައި ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ކައުންސިލަރު އަހުމަދު މިރުޒާދުގެ ބަންދަށް 10 ދުވަސް ޖަހައިދީފި އެވެ.
ފުލުހުން ބުނީ މިރުޒާދުއާ އެކު ހައްޔަރުކުރި ފޭދޫ ހިޔާލާގޭ އަހުމަދު މިންތާޒު، 45، ގެ އިތުރުން ހިތަދޫ ސަހަރާގޭ އަލީ މޫސާ ދީދީ، 53ގެ ބަންދަށް ވެސް 10 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.
ރޭ ދަންވަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިރުޒާދުއާއެކު އިތުރު ދެ މީހަކު ވެސް ހައްޔަރުކޮށްފައިވާއިރު، އެ މީހުންގެ ކުޑަކަމުދާ ތަކެތި ތަހުލީލު ކުރިއިރު އަލްކަހޯލް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ ހައްޔަރު ކުރި ތިން މީހުން ބަލައިފާސްކުރިއިރު އީކްއޭޓާ ހޮޓަލުގެ ބީޗްގައި އެ މީހުން ތިބި މޭޒުމަތީގައި ހުރި ތަށިތަކުގައި ބަނގުރާ ހުއްޓައި ފެނިފައިވާ ކަމަށާއި މީގެ އިތުރުން ބަނގުރާ ދަޅެއް ވެސް އެ މޭޒުމަތިން ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ ރޭ ދަންވަރު 12:30 އެހާކަންހާއިރު ފުލުހުން ހިންގި އޮޕަރޭޝަނުގައި ގަމު، އީކުއޭޓާ ހޮޓަލުން ބަނގުރާ ބުއި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ ފިރިހެނަކާއި 45 އަހަރުގެ ފިރިހެނެއްގެ އިތުރުން 53 އަހަރުގެ ފިރިހެނެކެވެ.
ބަނގުރާ ބުއިކަމުގެ ތުޙުމަތުގައި ފުލުހުން ހައްޔަރު ކުރި މިރުޒާދުއަކީ ސަރުކާރާއި ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާ މައްސަލައިގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.
މީގެ އިތުރުން އެ މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރު އަހުމަދު މިންތާޒު ބަނގުރަލުގެ މައްސަލައިގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.