06 Nov 2013, 21:23
ބާވީސް ރަށެއްގެ ބަނދަރުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާއިރު އެޕުރޮޖެކްޓް ނުހިންގުނު ނަމަވެސް އެމްޓީސީސީއަށް އެއްވެސް ގެއްލުމެއް ކުރިމަތި ނުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ބިޑް ކުރުމެއްނެތި 22 ރަށެއްގެ ބަނދަރުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު އެވެ.
މާލިއްޔަތު ކޮމެޓީއިން މިއަދު ބޭއްވި ބައްދަލުވުމެއްގައި އެމްޓީސީސީގެ ޗީފް ފައިނޭންޝިއަލް އޮފިސާ މުހައްމަދު ހިލްމީ ވިދާޅުވީ އެޕުރޮޖެކްޓް ހިންގުމުގެ އަމަލީ މަސައްކަތްތައް މިހާތަނަށް ނުފެށިވާއިރު އެޕުރޮޖެކްޓް ނުލިބުނު ނަމަވެސް ފައިނޭންޝިއަލީ އެމްޓީސީސީއަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެޕުރޮޖެކްޓް ހިންގުމަށް ލޯނެއް ނެގުމަށް މަސައްކަތްކުރިއިރު ހަތް ޕަސެންޓަށް ވުރެ ދަށް އިންޓުރެސްޓް ރޭޓެއްގައި ލޯނެއް ލިބިފައިނުވާ ކަމަށެވެ. އަދި ބެންކްތަކުން ބުނެފައިވަނީ ލޯނު ލިބޭނީ 8.5 ޕަސެންޓާއި 11.5 ޕަސެންޓާއި ދޭތެރޭގައިކަމަށް ހިލްމީ ވިދާޅުވިއެވެ.
އެބައްދަލުވުމުގައި ވާހަކަ ދެއްކެވި މެމްބަރުން ވަނީ އެމަސައްކަތް އެމްޓީސީސީއަށް ދީފައިވާ އަގު ބޮޑުކަން ފާހަގަކޮށް ވާހަކަ ދައްކާފައެވެ.
އެބައްދަލުވުމުގައި ހައުސިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ އެޕުރޮޖެކްޓްގެ އަގު ކުޑަކުރަން މަސައްކަތް ކުރިން ނަމަވެސް ހިތްހަމަޖެހޭ ވަރަށް އަދިވެސް އަގު ކުޑަކުރެވިފައި ނުވާ ކަމަށެވެ. އެގޮތުން މުޅި އެ ޕްރޮޖެކްޓަށް 1.4 ބިލިއަން ރުފިޔާ އަރާއިރު، އެމްޓީސީސީއިން އެއްބަސްވެފައިވަނީ 50 މިލިއަން ރުފިޔާއަށް ކަމަށް ކުޑަކޮށްދެވޭނީ ކަމަށް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ 22 ރަށުގެ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެމްޓީސީސީއާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާއިރު އެކަން ކުރުމުގެ ކުރިން އެޓާނީޖެނެރަލްގެ ލަފައެއް ހޯދާފައިނުވާ ކަމަށެވެ.
އެބައްދަލުވުމުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޒިޔާދު ވިދާޅުވީ 22 ރަށުގެ ބަނދަރުގެ ޕްރޮޖެކްޓް އެމްޓީސީސީއާ ހަވާލުކުރީ ބޮޑެތި އަގުތަކެއްގައި ނޫން ކަމަށާއި އެއީ އެމިނިސްޓްރީގައި ހުރި ރޭޓްތައް ކަމަށެވެ.
ގިނަ ވެގެން ދެ އަހަރުގެ މުއްދަތުގެ ތެރޭ ބަނދަރުގެ މަސައްކަތް ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކުރި 22 ރަށުގެ ތެރޭ ހިމެނެނީ ދ. ބަނޑިދު އާއި ތ. ބުރުނި އާއި އދ. ދަނގެއްޗާއި، ށ. ފޯކައިދުއާއި ކ. ގާފަރާއި އަދި އެ އަތޮޅު ގުޅި އާއި އއ. ހިމަންދޫ އެވެ. މީގެ އިތުރުން ވެސް ބ. ހިތާދޫ، ލ. ހިތަދޫ، ނ. ހޮޅުދޫ، ރ. އިނގުރައިދޫ ށ. ކަނޑިތީމު، ގއ. ކޮލަމާފުށި، ހދ. ކުމުންދޫ، ގދ. މަޑަވެލި، ރ. މަޑުއްވަރި، ތ. މަޑިފުށި، ފ. މަގޫދޫއާއި އެއަތޮޅު ނިލަންދޫގެ އިތުރުން ށ. މަރޮށި ވެސް ހިމެނެ އެވެ. އަދި ބ. ތުޅާދޫގައި ކުރުމަށް ހަމަޖެހިފައި ވަނީ ބްރޭކް ވޯޓާގެ މަސައްކަތެވެ.