ހުޅުމާލެ ހިއްކުގެ މަސައްކަތްތައް މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ކ. ފަރުކޮޅު ފުށި ފަޅު ރަށެއްގެ ގޮތުގައި ބާއްވާ މައްސަލާގައި މާލިއްޔަތު ކޮމެޓިގެ މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އެޗްޑީސީގެ ޗެއާމަން އަލީ ޝަރީފް ކޮމެޓީގައި މިރޭ ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލު ކުރި ޑްރެޖިން އިންޓަނޭޝަނަލް އިން އެޕްރޮޖެކްޓަށް ހޯދަން ޖެހޭ ފައިސާ ކަނޑައަޅާފައިވާ ތާރީހަށް ހޯދާފައި ނުވާތީ އެ މަސައްކަތަށް ބިޑް ހުށައެޅި ކުންފުނިތަކުގެ ތެރެއިން ދެ ވަނައަށް ދިޔަ ބެލްޖިއަމްގެ ޔެން ޑި ނަލް ކުންފުންޏަށް އެވޯޑް ކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ހަތަރު ނުވަތަ ހަ ހަފްތާގެ ތެރޭގައި ފެށޭނެ ކަމަށެވެ.

"ދެ ވަނަ ޕާޓީއަށް އަޅުގަނޑުމެން ވާނީ ބިޑް އެވޯޑްކޮށްފައި، އެބޭފުޅުންނާ އެއްކޮށް ކުރިއަށް އޮތް ހަތަރު ނުވަތަ ހަ ހަފްތާގެ ތެރޭގައި މަސައްކަތް ފެށޭނެ ކަމަށް މި ބަލަނީ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޫޅުމާލެ ހިންކުމަށް ވެލި ހޯދުމަށް ކުރަންޖެހޭ ދިރާސާ ވެސް ކޮށް ނިމިފައިވާ ކަމަށެވެ.

ފުރަތަމަ ކުންފުންޏަށް ފައިސާ ހޯދިފައި ނުވާއިރު ދެ ވަނަ އަށް ދިނުމަށް ނިންމި ކުންފުއްޏަށް ފައިސާގެ ކަންކަން ހަމަޖެއްސޭނެ ކަމުގެ ކިހާ ބޮޑު ޔަގީން ކަމެއްކަން އޮތްތޯ މެމްބަރުން ސުވާލުކުރުމުން އެ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު ޝުހެއިލް އަހުމަދު ވިދާޅުވީ ފަހުން މަސައްކަތް ހަވާލުކުރަން ނިންމި ކުންފުންޏަށް ފައިސާ ހަމަޖެއްސޭނެ ކަމުގެ 90 ޕަސެންޓްގެ ޔަގީންކަން އޮތް ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ މުހައްމަދު ޝާހިދު ވިދާޅުވީ އެ ޕްރޮޖެކްޓަކީ ކޮންޓުރެކްޓާ ފައިނޭންސް އުސޫލުން ހިންގާ ޕުރޮޖެކްޓަކަށް ވާއިރު އެ ޕްރޮޖެކްޓަށް 60 މިލިއަން ރުފިޔާ ހޭދަވާ ކަމަށާއި އޭގެ ތެރެއިން 10 މިލިއަން ޑޮލަރަށް ވާ ވަރުގެ ކޭޝް ރިޒާވެއް މިވަގުތު އެ ކުންފުނީގައި ބަހައްޓާފައިވާ ކަމަށެވެ. އަދި ބާކީ އޮތް 80 ޕަސެންޓް ކޮންޓުރެކްޓާ ގެނަން ޖެހޭ ފައިސާ ކަމަށް ވިދާޅުވި އެވެ.

ފަރުކޮޅު ފުއްޓަކީ ހުޅުމާލެ މާސްޓާ ޕުލޭންގައި ހިމެނޭ ވަރަށް މުހިންމު ބިމެއް ކަމަށާއި އެ ރަށް އަންނަނީ ހުޅުމާލެ ހިންކުމުން ހުޅުމާލޭގެ މެދަށް ކަމަށް އެޗްޑީސީގެ ޗެއާމަން ޝަރީފް ވިދާޅުވި އެވެ.

އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބް ވިދާޅުވީ ބޮޑެތި އެސެޓްތަކެއް އެރިސޯޓުގައި އެބަހުރި ކަމަށެވެ. އަދި ފަށުކޮޅު ފުށި ހިންގިއިރު ޓެކުސްތައް ސަރުކާރަށް ދައްކާއި އެމްޓީޑީސީއަށް ދެ ލައްކަ ނުވަތަ ތިން ލައްކަ ޑޮލަރު ލިބޭ ކަމަށް ވިދާޅުވި އެވެ.

މިއަދުގެ އެބައްދަލުވުމުގައި ވާހަކަ ދެއްކި ގިނަ ބޭފުޅުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތެއް ކުރިއަށް ނުދާއިރު ފަރުކޮޅުފުށި ބަންދުކޮށްފައި އޮންނާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެޗްޑީސީގެ ޖަވާބަކަށްވީ އޭރު ފަރުކޮޅު ފުށި ދިނުމަށް އެދުނީ ހުޅުމާލެ ހިއްކުމުގެ މަސައްކަތްތައް ހަމަޖެހުމުން ކަމަށެވެ. މިއަދުގެ އެބައްދަލުވުން ނިންމާލީ އިތުރު ބެލުންތަކަށްފަހު އެހެން ބައްދަލުވުމެއްގައި މާލިއްޔަތު ކޮމެޓީއިން ވަކި ގޮތެއް އަންގާގޮތަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުގެ ދަށުން 240 ހެކްޓަރުގެ ބިން އަށް މަސް ދުވަހުގެ ތެރޭގައި ހިއްކުމަށް ފަހު އެއް އަހަރު ދުވަހުގެ ތެރޭގައި ތޮށިލާ ނިންމަން ޖެހޭ ކަމަށް އެއްބަސްވުމުގައިވެ އެވެ.