ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު "ކިރިޔާ ވެސް ބޭއްވެން އޮތިއްޔާ" މި މަހުގެ ދިހައެއްވާ އާދީއްތަ ދުވަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ފުއާދު އެހެން ވިދާޅުވީ އަންނަ އާދީއްތަ ދުވަހު ނުވަތަ ހޯމަ ދުވަހު ދެ ވަނަ ބުރު ބޭއްވުމަށް ރިޔާސީ ތިން ކެންޑިޑޭޓުން ރައީސްއާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންފައި ވާތީ އެވެ. އެކަމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު ވަހީދު ވަނީ އިލެކްޝަންސް ކޮމިޝަންގެ ހަތަރު މެމްބަރުންނާއި ރިޔާސީ ކެންޑިޑޭޓުންގެ މަންދޫބުންނާ އެކު މަޝްވަރާ ކުރައްވާފަ އެވެ. އެ މަޝްވަރާއިން ވަކި ގޮތެއް ނުނިންމަ އެވެ.

ފުއާދު މިރޭ "ސަން"އަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އަވަސް ކުރުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި އެ ކޮމިޝަންގެ ދާއިމީ މުވައްޒަފުންނާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. ކޮމިޝަންގެ މަޝްވަރާ އިން މިރޭ ގޮތެއް ނިންމައި، އިންތިހާބުގެ ދެ ވަނަ ބުރު އަވަސް ކުރުމާ ގުޅޭ ގޮތުން ކޮމިޝަނުން ދެކޭ ގޮތް މިރޭ މީޑިޔާއާ ހިއްސާ ކުރައްވާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

އިންތިހާބުގެ ދެ ވަނަ ބުރު އަވަސް ކުރާ ނަމަ ކޮމިޝަނަށް ދިމާވެދާނެ ދަތިތަކަކީ ކޮބައިތޯ ސުވާލު ކުރުމުން ފުއާދު ވިދާޅުވީ ދެ ވަނަ ބުރު އަސްކުރާނަމަ "ގޮންޖެހުންތަކެއް ދިމާވާނެ" ކަމަށާއި "ނަމަވެސް މިހާރު ވެސް ބަލަމުން ދަނީ ކިރިޔާ ވެސް ބޭއްވެން އޮތިއްޔާ 10ގައި ބާއްވާ ގޮތަށް" ކަމަށެވެ.

މިއަދު ހަވީރު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ އެކު ރައީސް ބޭއްވި މަޝްވަރާތަކުގައި އިންތިހާބު އަވަސް ކުރާ ނަމަ ދިމާވެދާނެ ދަތިތައް އިލެކްޝަނުން ރައީސާ ހިއްސާކޮށްފައިވެ އެވެ. އެގޮތުން އިންތިޚާބުގެ ދެވަނަ ބުރު އަވަސް ކުރާ ނަމަ 18 އަހަރު ފުރޭ ކުދިންގެ އަދަދަށް ބަދަލު ގެނެސް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުން ބައެއް ކުދިންގެ ނަންތައް އުނިކުރަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ވަނީ ރައީސަށް ދަންނަވާފަ އެވެ. އަދި ރީ ރެޖިސްޓްރީ ކުރުމަށް ވެސް އަލުން ހުޅުވާލަން ޖެހޭނެ އެ މެމްބަރުން ވިދާޅުވި އެވެ.