06 Nov 2013, 19:01
ރިޔާސީ ދައުރު މި މަހުގެ 11ގައި ހަމަވާތީ، އެއަށް ވުރެ ކުރިން ރައީސަކު އިންތިހާބު ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި ރިޔާސީ ކެންޑިޑޭޓުންގެ މަންދޫބުންނާއެކު ރައީސުލްޖުމްހޫރިއްޔާ މިއަދު މަޝްވަރާ ކުރައްވައިފި އެވެ. އެ މަޝްވަރާތަކުގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބައިވެރިވެވަޑައިގެންނެވި އެވެ.
ދެ ވަނަ ބުރު އަވަސް ކުރުމަށް މަޝްވަރާ ކުރީ މި މަހުގެ 10 ވަނަ ދުވަހު ނުވަތަ 11 ވަނަ ދުވަހު ދެވަނަ ބުރު ބޭއްވުމަށް ރިޔާސީ ތިން ކެންޑިޑޭޓުން ރައީސްއާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންފައި ވާތީ އެވެ.
މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ރައީސް ވިދަޅުވީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އަވަސް ކުރުމަށް ކެންޑިޑޭޓުން އެއްބަސްވެފައިވާ ތާރީހުތަކުގައި އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުމާ ގުޅޭ ގޮތުން އިލެކްޝަނުން ގޮތެއް ނިންމަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ވީހާ ވެސް އޮމާންކަމާއި އަމާންކަމާއެކު އިންތިޚާބުގެ ކަންތައްތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށާއި ރާއްޖޭގެ ސިޔާސީ މަސްރަޙު ހަމަޖެހުމަކަށް އަންނާނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅަކު ވެވަޑައިގެންހާ އަވަހަކަށް ވެރިކަމާ ޙަވާލުވެވަޑައިގަތުމުން ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވި އެވެ.