އަންނަ ހޮނިހިރު ދުވަހު އަލުން ބާއްވާ ރިޔާސީ އިންތިޚާބަށް ބޭނުންކުރާ ވޯޓު ކަރުދާހާއި އެހެނިހެން ތަކެތި މިރޭ ފަތިހުން ފެށިގެން އަތޮޅުތަކަށާއި ރާއްޖެއިން ބޭރަށް ގެންދިއުމަށް ފުލުހުން ތައްޔާރުވާން ފަށައިފި އެވެ.

ފުލުހުން ބުނީ އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ގޮތަށް އަތޮޅުތަކަށާއި ރާއްޖޭން ބޭރަށް ވޯޓު ކަރުދާސް ގެންދިއުމަށް މިރޭ 12:00 އިން ފެށިގެން ފުލުހުން ތައްޔާރީ ޙާލަތުގައި ތިބޭނެ ކަމަށެވެ.

ވޯޓު ކަރުދާހާއި ވޯޓާބެހޭ އެހެނިހެން ސާމާނު އަތޮޅުތަކަށް ގެންދިއުމަށް ފުރާ ފުރަތަމަ ފްލީޓް މިރޭ ފަތިހު 5:30 ގައި ފުރާނެ ކަމަށް ފުލުހުން ބުންޏެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ އިނގިރޭސީވިލާތަށާއި ސްރީލަންކާއަށާއި އިންޑީއާ އާއި މެލޭޝިޔާގެ އިތުރުން ސިންގަޕޫރަށް ވޯޓ ކަރުދާސް ފޮނުވާނީ މާދަމާއިން ފެށިގެން ކަމަށް ފުލުހުން ބުންޏެވެ.

ވޯޓު ކަރުދާހާއި ވޯޓު ފޮށި އުފުލުމުގައި ފުލުހުން އޭހީތެރިކަމާއި ސެކިއުރިޓީ ދެމުންދާއިރު، ރީ ރަޖިސްޓްރޭޝަނަށް އިލެކްޝަށް ހުށަހެޅި ފޯމުގައި ހުރި އިނގިލީގެ ނިޝާންގެ ޞައްޙަކަން ބެލުމަށް ފުލުހުންގެ ފޮރެންސިކް ޑިޕާޓްމަންޓުގެ އެކްސްޕާޓުން ބުރަކޮށް ދަނީ މަސައްކަތް ކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަންގައި ވޯޓުކަރުދާސްތައް ބަންދު ކުރުމުގައި އެ ކޮމިޝަންގެ މުވައްޒަފުން ޙަރަކާތްތެރިވާއިރު ފުލުހުންދަނީ ސެކިއުރިޓީ ބަލަހައްޓަމުންނެވެ. މީގެ އިތުރުން އަތޮޅުތަކުގައި ވޯޓު ފޮށިތަކާއި އިލެކްޝަންސް ކޮމިޝަންގެ އެހެނިހެން ތަކެތި ބަހައްޓާފައިވާ ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ވެސް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.