06 Nov 2013, 18:12
މަޖިލީހުގެ ސިކިއުރިޓީ ބެލެހެއްޓުމަށް 100 އޮފިސަރުންނަށް ހުޅުވާލުމުން، 265 މީހަކު ކުރިމަތިލައިފި އެވެ.
މަޖިލިސް އިދާރީ ކަންކަން ހިންގުމުގެ އުސޫލުތައް ކަނޑައަޅާ އާންމު ކޮމެޓީގެ މެންބަރަކު ސަންއަށް މިއަދު ވިދާޅުވީ މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޕްރައިވެޓް ރޭންކުގައި ސިފައިންގޭގައި އުޅެފައިވާ އަދި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލުމުން މިދިޔަ ހޯމަ ދުވަހާ ހިސާބަށް 265 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ.
ސިކިއުރިޓި އޮފިސަރުންގެ މުސާރައަކަށް މަޖިލީހުން ކަނޑައަޅާފައި ވަނީ މަހަކު 10750ރ. އެވެ. ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 3500ރ. ހަމަޖައްސާފައިވާއިރު، ހާޒިރުވާންޖެހޭ ކޮންމެ ދުވަހަކު މަޖިލީހަށް ހާޒިރުވެއްޖެނަމަ ހާޒިރީ އެލަވަންސަން 100ރ. ވެސް ދިނުމަށް ނިންމާފައިވެ އެވެ.
ސާޖަންޓް އެޓް އާމްސްގެ ދެ ނައިބުންނަށް މިދިޔަ ބުރާސްފަތި ހުޅުވާލުމުން އެ ދެ މަގާމަށް 11 މީހަކު ކުރިމަތިލާފައިވާ ކަމަށް އާންމު ކޮމެޓީގެ މެންބަރު ވިދާޅުވި އެވެ. އެ މަގާމުގެ ޝަރުތަކީ އެމްއެންޑީއެފްގެ ވޮރެންޓް އޮފިސަރު ގްރޭޑް ދޭއްގެ ޝަރުތު ފުރިހަމަވާ އަދި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމެވެ. އެ މަގާމުގެ މުސާރައަކީ 20،000ރ. އެވެ. ސާވިސް އެލަވަންސްގެ ގޮތުގައި 3500ރ. ލިބޭއިރު، ހާޒިރުވާ ކޮންމެ ދުވަހަކަށް 100ރ. އެލަވަންސަށް ދޭނެ އެވެ.
އެސިސްޓަންޓް ސާޖަންޓް އެޓް އާމްސް މަގާމަށް ހަތަރު ބޭފުޅަކު ހޯދުމަށް ހުޅުވާލުމުން އެ ހަތަރު މަގާމަށް 23 މީހަކު ކުރިމަތިލާފައިވެ އެވެ. އެ މަގާމުގެ ޝަރުތަކީ އެމްއެންޑީއެފްގެ ސާޖަންޓުގެ ޝަރުތެވެ. އެސިސްޓަންޓް ސާޖަންޓް އެޓް އާމްސްގެ މުސާރައަކީ 15950ރ. އެވެ. ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 3500ރ. ލިބޭނެ އެވެ. ހާޒިރީ އެލަވަންސަށް 100ރ. ވެސް ދޭނެ އެވެ.
މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމަށް 100 މީހުންނާއި ޑެޕިއުޓީ ސާޖަންޓް އެޓް އާމްސްގެ ދެ މީހުންނާއި އެސިސްޓެންޓް ސާޖަންޓް އެޓް އާމްސްގެ ހަތަރު މީހުންގެ މުސާރަ އާއި އެލަވަންސްތަކަށް މަހަކު 1.55 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. އަދި އަހަރަކު 18.5 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުވާނެ އެވެ.