އިނގިރޭސިވިލާތަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން އެންޑް ކޮމަންވެލްތް އެފެރާޒް ވިލިއަމް ހޭގާއި، ސެކްރެޓަރީ އޮފް ސްޓޭޓް ފޯ އެނާޖީ އެންޑް ކްލައިމެޓް ޗޭންޖް، ކްރިސް ހޫންއާ ބައްދަލު ކުރައްވައިފި އެވެ.
ރައީސް ނަޝީދު އިނގިރޭސި ހާރިޖީ ވަޒީރު ވިލިއަމް ހޭގާއި ބައްދަލުކުރައްވައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ދެ ދގައުމުގެ ގުޅުމާއި ސަލާމަތާބެހޭ ބެހޭގޮތުންނެވެ. އޭގެ ތެރޭގައި ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ އިންޑިޔާ ކަނޑުގެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބިރުވެރިކަމާއި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމާ ބެހޭގޮތުން ވެސް މަޝްވަރާކުރެއްވި އެވެ.


އިނގިރޭސިވިލާތުގެ ހަކަތަ އާއި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ވަޒީރު ކްރިސް ހޫންއާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުންނެވެ.
މޫސުމަށް އަންނަ ބަދަލުތަކަށް އެންމެ ނާޒުކު، އަދި މިބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރަމުންދާ ޤައުމުތަކުގެ އަޑު އިއްވުމަށް ދިވެހި ސަރުކާރުން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތަށް، ކްރިސް ހޫން ވަނީ ރައީސް އަރިހުގައި ތައުރީ ކުރައްވާފަ އެވެ.


މިދިޔަ މަހު ނެރުނު ރާއްޖޭގެ ކާބަން އޮޑިޓް ރިޕޯޓަށާއި، އަދި 2020ގެ ކުރިން ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ޕްލޭނަށް، ކްރިސް ހޫން ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.