ސިފައިންގެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމްގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.

އާޒިމްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ އޭނާ ތަމްސީލު ކުރައްވާ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް، މިދިޔަ އޮކްޓޯބަރު 26 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހަށް ވަންނަން އުޅެނިކޮށް، އެކަމަށް ހުރަސްއެޅި ސިފައިންގެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގަ އެވެ.

އާޒިމްގެ މައްސަލަ ޕީޖީއަށް ފޮނުވާފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަޙުޤީޤު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމާއި ގުޅިގެން ޢާޒިމް ފުލުހުންގެ ބަންދުގައި ހުރި ހުރުން ނިމުމަކަށް ގެނެސް ބަންދުން ވީއްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މިދިޔަ މަހުގެ 26 ގައި ކްރިމިނަލް ކޯޓުން ވަނީ އާޒިމްގެ ބަންދަށް 15 ދުވަހަށް ޖަހައިދީފަ އެވެ.

ފުލުހުން ވަނީ ތަހުގީގީ ޖަލުގައި އޭނާ ފަސް ދުވަހު ބަންދުކޮށް ތަހުގީގު ހިންގުމަށްފަހު މި މަހުގެ އެއްވަނަ ދުވަހު ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.