06 Nov 2013, 16:02
ޑާކާ (ނޮވެމްބަރު 6): ބަންގްލާދޭޝްގެ ސަރަހައްދީ ރޮނގު ބަލަހައްޓާ ސިފައިންގެ ބަޔަކު މީގެ ހަތަރު އަހަރުކުރިން ހިންގި ނުކިޔަމަންތެރި ކަމުގެ ހަރަކާތެއްގައި ސިފައިންގެ 57 އޮފްސަރުންމަރާލި ކަމުގެ ކުށްސާބިތުވި 152 މީހަކު މެރުމަށް އެގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
މިކުށް ސާބިތުވި އެތައް ސަތޭކަ ސިފައިންގެ ތެރެއިން ބައެއް މީހުން އެކި މުއްދަތަށް ޖަލަށް ލުމަށް ވެސް ހުކުމްކޮށްފައިވެ އެވެ. މިބައިމީހުން މިޖަރީމާތައް ހިންގިކަމަށް ވަނީ މުސާރަ އާއި ބައެއް އިނާޔަތްތައް ފަދަ ކަންތައްތައް ފުރިހަމަ ނުވާތީ އެކަމާ މެދު ރުޅިގަދަވެގެން ކަމަށާ ނުކިޔަމަންތެރިކަމުގެ މިހަރަކާތް ހިންގި ސިފައިން ވަނީ ބައެއް އިސް އޮފްސަރުންނަށް ޖިސްމާނީ ގޮތުން އަނިޔާކޮށްގެންނާއި ބަޑިޖަހައިގެން މެރުމަށް ފަހު އެމީހުންގެ ހަށިތައް ވެސް ނައްތާލުމަށް މަސައްކަތްކޮށްފަ އެވެ.
ނުކިޔަމަންތެރި ސިފައިން ގާނޫނާ އަދި ޢަސްކަރީ ޑިސޕްލިންއާ ޚިލާފަށް މިޖަރީމާތައް ހިންގުމަށް ބޭނުން ކުރި ހަތިޔާރު ހޯދާފައި ވަނީ ވެސް ފޭރިގެންނެވެ. މިޖަރީމާތައް ހިންގުމުގައި ބަންގްލަދޭޝްގެ ބައެއް އާންމުން ވެސް ބައިވެރިވެފައިވެ އެވެ. އެހެންކަމުން މިކަމުގައި ބައިވެރިވެފައިވާ އާންމުންގެ 260 މީހަކު ދިގު މުއްދަތުތަކަކަށް ޖަލަށްލުމަށް ވެސް އިއްޔެ ހުކުމް ކޮށްފައިވެ އެވެ.
ބަންގްލާދޭޝްގެ ސަރަހައްދީ ރޮނގު ބަލަހައްޓާ ސިފައިންގެ އެތައް ހާސް ބަޔަކު ނުކިޔަމަންތެރިކަން ދައްކައި މިޖަރީމާތައް ހިންގާފައި ވަނީ މުސާރަ އާއި ބައެއް އިނާޔަތްތައް ފުރިހަމަކޮށް ދިނުމަށް އެމީހުން އެދުމުން އޮފްސަރުން އެކަމާ މެދު ފަރުވާކުޑަކުރުމުގެ ސަބަބުން ކަންވަނީ ހާމަވެފަ އެވެ. މިކަމާ ބެހޭ ޝަރީޢަތް ހިނގަމުންދާތާ މިހާރުވަނީ ތިންއަހަރަށް ވުރެ ދިގުމުއްދަތެއް ހޭދަވެފަ އެވެ. މިމައްސަލާގައި މަރުގެ ހުކުމް ކުރެވުނު ސިފައިންގެ ވަކީލުން ވަނީ އެ ހުކުމް އިސްތިއުނާފު ކުރާނެކަން ހާމަކޮށްފަ އެވެ. (ރޮއިޓާސް)