ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އަހްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމަށް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުވައްސަސާތަކުގެ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

މިއަދު ބޭއްވި އެ ކޮމެޓީން ޕީޖީގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށްފައި ވަނީ އެމްޑީޕީގެ ފަސް މެންބަރުންގެ ވޯޓުންނެވެ. އެމްޑީޕީން މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ހުށަހަޅާފައިވާ މައްސަލައިގައި ޕީޖީގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ވޯޓު ވޯޓު ދެއްވީ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްގަފޫރާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އެވެ.

ހާމިދު އަބްދުލްގަފޫރަކީ ކުޑަކަމުދާ އެއްޗެތި ފުލުހުންނަށް ނުދެއްވި މައްސަލައެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ދައުވާ އުފުއްލަވާފައިވާ ބޭފުޅެކެވެ.

ޕީޖީގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ވޯޓު ނުދެއްވީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިންގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު މުހައްމަދު މުޖްތާޒެވެ.

މިއަދު ކޮމެޓީގެ ބައްދަލުވުމުގައި ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވަނީ ޕީޖީ ކޮމެޓީ އަށް ލިޔުމުން ދެއްވާފައިވާ ޖަވާބު ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ކޮމެޓީގެ މުގައްރިރު އަހްމަދު ސަމީރު ވިދާޅުވީ ހުރިހާ މެންބަރުންނަށް ވެސް ޕީޖީ ދެއްވި ލިޔުންތައް ފޮނުވާފައިވާނެ ކަމަށެވެ.

ޕީޖީ އަހުމަދު މުއިއްޒުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލާގައި މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ލިޔުމުން ވަނީ ޖަވާބު ދާރީވެވަޑައިގެންފަ އެވެ. އެހެން ނަމަވެސް އެ މަނިކުފާނު ވިދާޅުވެފައި ވަނީ ޖަވާބުދާރީވެ ވަޑައިގަތުމަށް އެކަށީގެންވާ ވަގުތު ކޮމެޓީން ދެއްވާފައިނުވާ ކަމަށެވެ.