06 Nov 2013, 15:22
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކުޑަކަމުދާ އެއްޗި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް އަނެއްކާ ވެސް ކެންސަލް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މަނިކު މިއަދު ވިދާޅުވީ މިއަދު 2:00 އަށް ބާއްވަން ޝެޑިއުލްކުރި ޝަރީއަތް ކެންސަލްކޮށްފައި ވަނީ ޑީޕީއާރްއެސް އަށް ހާމިދު ކޯޓަށް ހާޒިރުކޮށްދެވިފައިނުވާތީ ކަމަށެވެ.
އޭނާ ވިދާޅުވީ ހާމިދު ކޯޓަށް ހާޒިރުކުރުމަށް ޑީޕީއާރްއެސްގައި އެދުނީ އޭނާ ހަ މަސް ދުވަހަށް ޖަލަށް ލުމަށް އެ ކޯޓުން ހުކުމްކޮށްފައި ވާތީ ކަމަށެވެ.
ހާމިދު ހަ މަސް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ކޯޓު އަމުރާ އެއްގޮތަށް ކޯޓަށް ހާޒިރުވެފައިނުވާތީ އެވެ.
ހާމިދު އަދި ވެސް ހުންނެވީ ރައްޔިތުންގެ މަޖިލީސް ތެރޭގަ އެވެ. ކޯޓުން ހުކުމް ކުރުމާ އެކު އެ ހުކުމް ތަންފީޒު ކުރުމަށް ޑީޕީއާރްއެސް އިން މަސައްކަތްކުރާ ކަމެއް އަދި އެނގިފައެއް ނުވެ އެވެ.
މިކަމާބެހޭ ގޮތުން ޑީޕީއާރްއެސް ހިންގުމާ ހަވާލުވެހުންނެވި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒު (އެފްއޭ) އަށް ގުޅާލުމުން ފޯނު ނުނަންގަވާތީ ޑީޕީއާރްއެސްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.