ހއ. އަލިދޫ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ސ. ހުޅުދޫ ރީފްސައިޑު ޖާދުﷲ ޖަމީލް ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރި ކަމަށް ތިން ފުލުހަކު މިއަދު ހެކިބަސްދީފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސްދީފައި ވަނީ ކުޑަކަމުދާއެއްޗިހި ދިނުމަށް ޖާދުﷲ އަށް އެންގި ފުލުސް އޮފިސަރާއި އެގޮތަށް އެންގި އިރު އެތަނުގައި ހާޒިރުވެ ތިއްބެވި ދެ ފުލުހުންނެވެ.

އެ ތިން ފުލުސް އޮފިސަރުން ވެސް ވިދާޅުވީ ކުޑަކަމުދާތަކެތި ދިނުމަށް ޖާދުﷲ އަށް އަންގާފައި ވަނީ ހދ. ހޮނޑައިދޫގައި އޭނާ ހުއްޓައި ކަމަށާއި އެގޮތަށް އެންގުމުން ކަނޑައެޅިގެން އެކަމަށް އިންކާރުކޮށްފައިވާ ކަމަށެވެ.

އެ ތިން ބޭފުޅުން ވިދާޅުވީ ކުޑަކަމުދާތަކެތި ދޭން އެންގީ އަނގަބަހުން ކަމަށާއި އެވަގުތު ކުޑަކަމުދާތަކެތި ދިނުމަށް އަންގާ ފޯމް ދައްކަން އުޅުމުން ޖާދުﷲ އެ ފޯމް ބަލަން ބޭނުންނުވި ކަމަށް ވެސް އެ ތިން ފުލުހުން ބުންޏެވެ.

ޖާދުﷲގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މައްޗަށް ވެސް ވަނީ އެ ދައުވާ ކޮށްފަ އެވެ.

ބަނގުރަލާއި މަސްތުވާތަކެތި ގެންގުޅުމާއި އެތަކެތި ބޭނުންކުރި ކަމުގެ ތުހުމަތުގައި އެބޭފުޅުން އެރަށުން ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ފަތިހު 4:30 އެހައިކަންހާއިރު އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން ބާއްވާ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ޖާދުﷲގެ ފަރާތުން ދިފާއުގައި ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.