06 Nov 2013, 14:49
ރިޔާސީ ދައުރު ހަމަވުމަށް ފަހު ނޮވެމްބަރު 11ގެ ފަހުން އިންތިހާބު ކުރެވިފައިވާ ރައީސަކު ނެތް ކަމަށްވާ ނަމަ ރައީސްކަމާ ހަވާލުވެވަޑައިގަންނަވާނެ ބޭފުޅަކު ކަނޑައެޅުމަށް އެންމެ ރަނގަޅުގޮތަކީ ގާނޫނު އަސާސީ އަށް ބަދަލުގެނައުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ތިން ކެންޑިޑޭޓުންނާ އެކު ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ޑރ. ވަހީދު ވިދާޅުވީ އެމަނިކުފާނުގެ ގާނޫނީ ރިޔާސީ ދައުރު ހަމަވުމަށް ފަހު ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ ބޭފުޅަކު ކަނޑައެޅުމަށް އެންމެ ރަނގަޅު ގޮތަކީ ގާނޫނު އަސާސީ އަށް ބަދަލުގެނައުން ކަމުގައި އެމަނުކުފާނަށް ގާނޫނީ ލަފާ ލިބިވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑު ވެސް އަޅުގަނޑު އަހަން ޖެހޭ މީހުން ކައިރި ގާނޫނީ ލަފާ އަހަމުން މިދަނީ. އަޅުގަނޑަށް ލަފާދެއްވާ ބޭފުޅުން ދެއްވަނީ މީގައި އެންމެ ރަނގަޅު ގޮތަކީ ގާނޫނީ މައްސަލައަކަށް ވާތީ، ގާނޫނު އަސާސީގައި ނެތް މައްސަލައަކަށް ވާތީ، ގާނޫނީ އަސާސީ އަށް އިސްލާހު ގެނައުމޭ އެންމެ ރަނގަޅު ގޮތަކީ،" ރައީސް ވިދާޅުވި އެވެ.
ނޮވެންބަރު 11ގެ ފަހުން އިންތިހާބީ ރައީސަކު ނެތުމުން ދިމާވެދާނެ ދަތިތަކަށް ސިޔާސީ ގޮތުން ހައްލުގެ ނައުމަށް އެންމެ ރަނގަޅު ގޮތަކީ ގާނޫނު އަސާސީ އަށް ބަދަލު ގެނައުން ކަމަށް ދެކިވަޑައިގެން އެކަން ތިން ކެންޑިޑޭޓުންނަށް ވެސް މިއަދު ހުށަހެޅުއްވި ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ. އަދި އެ ތިން ކެންޑިޑޭޓުނަށް ސިޔާސީ ހައްލެއް ހޯއްދަވައި ދެއްވިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މާދަމާ ވެސް މަޖިލިސް އެއްކުރައްވާފައި ގާނޫނު އަސާސީ އަށް ބަދަލެއް ގެންނެވިދާނެ. އެއީ މަޖިލީހުގެ ރައީސް ހުންނަވަން ކަމުގައިވީ ނަމަވެސް ނޫނިއްޔާ އުއްތަމަ ފަނޑިޔާރެއް ހުންނަވަން ކަމުގައިވީ ނަމަވެސް އެ ބޭފުޅުންގެ އަތްޕުޅުގައި އޮތް ކަމެއް އެއީ،" ރައީސް ވިދާޅުވި އެވެ.
ރިޔާސީ ދައުރު ހަމަވުމަށް ހަފްތާއަކަށް ވުރެ ކުޑަތަންވެފައި ވަނިކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ރިޔާސީ ދައުރު ހަމަވުމަށް ފަހު ކަންކުރައްވާނެ ގޮތެއް އަދި ނުނިންމަވާނެ ކަމަށާއި އުއްމީދު ކުރައް ވަނީ ތިން ނޮވެންބަރު 11ގައި އިންތިހާބު ކުރެވިފައިވާ ރައީސަކު ހުންނަވާނެ ކަމަށް ކަމުގަ އެވެ.
"އަޅުގަނޑު ވެސް އުއްމީދު ކުރަނީ ދެ ވަނަ ހާލަތަށް ނުދާނެ ކަމަށް. ނޮވެމްބަރު ކުރިން އަޅުގަނޑުމެނަށް ބޭފުޅަކު ކަނޑައެޅިފައި ނެތިއްޔާ ހަދާނެ ވަކި ގޮތެއް އަދި ނުނިމޭ. އަޅުގަނޑު ކުރިން ވެސް ދަންނަވާފައި އޮންނާނީ އެންމެ ދުވަހެއް ވެސް ބޭނުމެއް ނޫނޭ އެންމެ ދުވަހެއް ވެސް އިތުރަށް ހުންނާކަށް. އެހެންވީމާ އަޅުގަނޑު އުއްމީދު ކުރަނީ އެކަމަށް ވެސް ކޮންމެވެސް ހައްލެއް ފެންނާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ނޮވެންބަރު 11 ފަހުން އިންތިހާބީ ރައީސަކު ނެތް ނަމަ ރައްޔިތުން މަޖިލީހުގެ ރައީސް ވެރިކަމާ ހަވާލުވެވަޑައި ގަތުމަށް ފެންނަ ކަމަށް ރައްޔިތުން މަޖިލީހުން ގަރާރެއް ފާސްކޮށްފައި ވަނިކޮށެވެ.