06 Nov 2013, 14:21
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓްގައި ސޮއިކުރައްވަން ތިން ކެންޑިޑޭޓުންގެ ފަރާތުން ވެސް ފަށައިފި އެވެ.
ވޯޓާސް ލިސްޓުގައި ސޮއިކުރުމަށް މިއަދު މެންދުރު 12:00 ޖެހި އިރު ފުރަތަމަ ފެށީ އެމްޑިޕީ އިންނެވެ. އެ ޕާޓީ އިން ވޯޓާސް ލިސްޓުގައި ސޮއިކުރަން ފެއްޓެވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދެވެ. އެހެން ޕާޓީތަކުން ވެސް މިހާރު އެ ލިސްޓުގައި ސޮއިކުރަން ފަށާފައިވާ އިރު ސޮއިކުރަން އިލެކްޝަންސް ކޮމިޝަނަށް ގޮސްފައި ވަނީ އެ ދެ ޕާޓީގެ ބައެއް އިސްފަރާތްތަކުންނެވެ.
ސޮއިކުރުން ކުރިއަށް ދިޔަ ވަގުތު ކޮމަންވެލްތާއި ރާއްޖެ އިން ބޭރުގެ އޮބްޒާވަރުން ވެސް އިލެކްޝަންސް ކޮމިޝަންގެ ތެރޭގައި ހަރަކާތްތެރިވި އެވެ.
ސޮއިކުރުމަށް ފަހު ނުކުމެ ވަޑައިގަންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ "މިހާރު ސޮއިކުރަމުން ދަނީ، ހުރިހާ ޕާޓީއަކުން ވެސް ސޮއިކުރުމަށް އެއްބަސްވެއްޖެ" ކަމަށެވެ. އަދި މިއަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބަކީ ސުލްހަވެރި އަމާން އިންތިހާބަކަށް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ މަންދޫބު އަބްދުﷲ އަމީން ވިދާޅުވީ، ސޮއިކުރާނެ ކަމަށާއި ދިވެހި ރައްޔިތުންގެ ހައްގުގައި އިންތިހާބު ބޭއްވުމަށް ބޭނުންވާ ކަމަށެވެ.
"އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމާ މެދު ޝައްކެއް ނުކުރަން އަޅުގަނޑުމެނެއް. އެހެންވީމާ އަޅުގަނޑުމެން މިތިބީ އިންތިހާބައިގެން ކުރިއަށްދާން،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ މިހާރު ވެސް އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ ހިތްހަމަ ނުޖެހުންތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް އިންތިހާބައިގެން ކުރިއަށްދާން ނިންމާފައިވާ ކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުމަށް ޕީޕީއެމް އިން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށް އަމީން ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ އިސް އޮފިޝަލަކު ވިދާޅުވީ ލިސްޓްތަކުގައި ސޮއިކުރަމުންދާ ކަމަށާއި އަންނަ ހޮނިހިރު ދުވަހު އިންތިހާބު އޮންނާނެ ކަމަށެވެ. ނަމަވެސް އެ ލިސްޓުގައި ސޮއިކުރަނީ ސައްހަކަން ނުވަތަ ސައްހަ ނޫންކަން ކަނޑައެޅުމުގެ ގޮތުން ނޫން ކަމަށާއި ސޮއިކުރަނީ އެ ޕާޓީއަކީ އިންތިހާބަށް ހުރަސްއަޅާ ފަރާތަކަށް ނުވާން ކަމަށެވެ.
ތިން ޕާޓީގެ ކެނޑިޑޭޓުން ވެސް މިއަދު ލިސްޓްތަކުގައި ސޮއިކުރަން ފަށާފައިވާ އިރު ސޮއިކޮށް ނިމޭނެ އިރެއް އަދި ނޭނގޭ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.