ސ. ހުޅުދޫ ގެއެއްގެ ފާހާނާތެރޭ ބަނގުރާ ކައްކަމުން ދިޔަ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ބަނގުރަލުގެ އެ މައްސަލައާ ގުޅިގެން މި މަހުގެ ހަތަރު ވަނަ ދުވަހު ހައްޔަރު ކޮށްފައި ވަނީ 48 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާއަކީ ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ހޯމަ ދުވަހުގެ ރޭ 11:55 ހާއިރު ކަމަށެވެ.

އަދި ބަނގުރާ ކައްކަނިކޮށް ފެނިފައި ވަނީ އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ފާޚާނާތެރެއިން ކަމަށެވެ. ފުލުހުން ބުނީ އިތުރަށް އެ ގެ ބަލައި ފާސްކުރި އިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 20 ލީޓަރުގެ ދެ ހަމާއި ފަސް ލީޓަރުގެ ދެ ހަން ފެނިފައިވާ ކަމަށެވެ. އަދި ބަނގުރާ ކައްކަން ބޭނުން ކުރި އާލާތްތަކެއް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް މީދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަސް ޖަހައިދީފަ އެވެ.

އައްޑޫ ސިޓީ ހުޅުދޫން މީހަކު ބަނގުރަލުގެ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި އިރު، އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ކައުންސިލަރު އަހުމަދު މިރުޒާދު އައްޑޫ ސިޓީ އީކްއޭޓާ ހޮޓަލު ބީޗްގައި ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ރޭ ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާއާ އެކު އިތުރު ދެ މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.