މަސްތުވާތަކެތީގެ ބާރުގަދަ ބާވަތެއް ކަމަށްވާ ކްރެކް ކޮކެއިން ބޭނުން ކުރެއްވި ކަމަށް ކެނެޑާގެ ވެރިރަށް ޓޮރޮންޓޯގެ މޭޔަރު ރޮބް ފޯޑް މީޑިއާގެ ކުރިމަތީގައި އެއްބަސްވެވަޑައިގެންފި އެވެ.

އެމެރިކާގެ "ދަ ނިއުޔޯކް ޓައިމްސް" އިން އިއްޔެ ބުނީ މަގާމުގައި ހުންނަވައިގެން ކޮކެއިން ބޭނުން ކުރެއްވި ކަމަށް އެއްބަސް ވެވަޑައިގެންނެވި ނަމަވެސް އިސްތިއުފާ ނުދެއްވާނެ ކަމަށް ފޯޑް ވިދާޅުވި ކަމަށެވެ.

ކޮކެއިން ބޭނުން ކުރެއްވި ކަމަށް ވިޔަސް އޭނާއަކީ އެއަށް ދެވިހިފާފައިވާ ބޭފުޅެއް ނޫން ކަމަށް ފޯޑް ވިދާޅުވި ކަމަށް ވެސް ނޫހުގައިވެ އެވެ.

"އާނ، އަހަރެން ކްރެކް ކޮކެއިން ބޭނުން ކުރިން، އެކަމަކު އަހަރެންނަކީ އެއަށް ދެވިހިފާފައިވާ މީހެއް ނޫން، އަހަރެން ހަމަ އެކަނި ގޮތް ބަލައިލީ، ވެދާނެ އަހަރެން އޭރު ހުރި މަސްތުގެ ހާލަތުގައި ކަމަށް،" އެތަން ނޫސްވެރިންނަކާއި ކެމެރާމަނުންގެ ކުރިމަތީގައި ޓޮރޮންޓޯ ސިޓީ ހޯލްގެ ބޭރުގައި ހުންނަވައި ފޯޑް ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

ފޯޑް ކޮކެއިން ބޭނުން ކުރެއްވި ކަމަށް ފެތުރުނު ވާހަކަ ތަކާ ގުޅިގެން ކެނެޑާގެ ނޫސްވެރިން މީގެ ކުރިން އެތައް ފަހަރަކު އޭނާއާ އެސުވާލުކުރުމުން އޭނާ ވަނީ އެކަމާ ދެކޮޅު ހައްދަވާފަ އެވެ. އިއްޔެ އެކަމަށް އެއްބަސް ވެވަޑައިގެންނަވަމުން އޭނާ ވިދާޅުވީ ނޫސްވެރިން ކުރިން އޭނާއާ ސުވާލު ކުރި ގޮތް ގޯހީ ކަމަށެވެ. އެގޮތުން އޭނާއާ ސުވާލުކޮށްފައި ވަނީ ޑްރަގް ބޭނުންކުރަންތޯ ކަމަށާއި އެއީ އޭނާ ނުކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

"އަހަރެންނަކީ ޑްރަގަށް ދެވިހިފާފައިވާ މީހެއް ނޫން، ޑްރަގް ބޭނުންކުރަމުންނެއް ނުދަން،" އޭނާ ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

ފޯޑްގެ އެ ކުރު ނޫސްކޮންފަރެންސްގެ ހަތަރު ގަޑިއިރު ފަހުން އޭނާގެ އޮފީހުގެ ވެއިޓިން ގޫމަށް އެއްވެ ތިބި ގިނަ އަދަދެއްގެ ނޫސްވެރިންގެ ކުރިމައްޗަށް އަލުން ނުކުމެވަޑައިގެންނެވި އެވެ. އަދި އެފަހަރު ނުކުމެ ވަޑައިގެން ޓޮރޮންޓޯގެ ރައްޔިތުންގެ ކިބައިން އޭނާ މައާފަށް އެދި ވަޑައިގެންނެވި ކަމަށާއި އެހެން ނަމަވެސް އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

ފޯޑް އަށް ސުވާލުތައް ކުރިމަތިވީ އޭނާ ކޮކެއިން ބޭނުންކުރައްވާތަން ފެންނަ ވީޑިއޯއެއް ލިބިފައިވާ ކަމަށް ޓޮރޮންޓޯ ފުލުހުންގެ ވެރިޔާ ވިލިއަމް ބްލެއާ މިދިޔަ ހަފުތާގައި ވިދާޅުވުމާ ގުޅިގެންނެވެ. އެވީޑިއޯ ލިބުނީ މަސްތުވާތަކެއްޗާއި ގޭންގް މާރާމާރީގެ ތަހުގީގަކަށް ފުލުހުން އަތުލައިގަނެގެން ގެނައި ކޮމްޕިއުޓަރަކުން ކަމަށެވެ.