02 Dec 2010, 13:21
"ދުވެލި މަޑު ކުރޭ، ފުރާނަ ސަލާމަތް ކުރޭ!" މި ނަމުގައި ފުލުހުން ކެމްޕެއިނެއް ފަށައިފި އެވެ.
މާލެ އާއި އަތޮޅުތަކުގެ ޓްރެފިކް މައްސަލަތައް ހައްލު ކުރުމަށް މިއަދު ފެށި ކެމްޕޭން އިފްތިތާހުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހެވެ.
އިސްކަންދަރުކޮށީގައި އޮތް ރަސްމިއްޔާތުގައި ކޮމިޝަނާ ވިދާޅުވީ ޓްރެފިކް މައްސަލަތަކުގައި ކުރިން ބޮޑަށް މަސައްކަތް ކުރެވެނީ ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ކަމަށެވެ. ނަމަވެސް މިހާރުގެ ވިސްނުންފުޅަކީ އެ މައްސަލަތައް ދިމާވުމުގެ ކުރިން ރައްކާތެރިކޮށް ހޭލުންތެރި ކުރުވުން ކަމަށް ވެސް ކޮމިޝަނާ ވިދާޅުވި އެވެ.
" ފަހަކަށް އައިސް ބައެއް ބޭފުޅުން ވިދާޅުވާނެ. ޓްރެފިކް ބަލަހައްޓާ މީހުންނާ ދިމާލަށް ތިބޭފުޅުންނަކީ މަގުމަތި ޓޯ ކޮށް ލައިސަންސް އަތުލާބައެކޭ." ފަސީހު ވިދާޅުވި އެވެ.
ޗީފް އިންސްޕެކްޓަރު އަހުމަދު މުހައްމަދު ވިދާޅުވީ "ދުވެލި މަޑު ކުރޭ، ފުރާނަ ސަލާމަތް ކުރޭ!" ކެމްޕެއިންގެ ދަށުން އެކްސިޑެންޓް ތަކަށް މީހުން ހޭލުތެރިކޮށް ޕޯސްޓަރު ތައް މަގުމަތީގައި ފެންނާނެހެން ބަހައްޓާނެ ކަމަށާއި އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ކެމްޕޭން ކުރިޔަށްދާނެ ކަމަށެވެ. މުޅި ކެމްޕެއިނަށް 20000ރ. ހަރަދު ކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް މިއަދު ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ތެރޭ އެކްސިޑންޓް ތަކުގައި 35 މީހަކު މަރުވެފައިވާ ކަމަށެވެ. އަދި މަރުވި މީހުންގެ އިތުރުން އެކްސިޑެންޓްތަކުގައި އެތަށް ބަޔަކު ނުކުޅެދޭ މީހުންނަށް ބަދަލުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މަގުމަތީގައި ހިނގާ އެކްސިޑެންޓް ތަކުގެ 80 އިންސައްތަ އެކްސިޑެންޓް ހިނގަން މެދުވެރި ވަނީ ބާރު ސްޕީޑްގައި ދުއްވައިގެނެވެ.
މަގުމަތީގައި ހިނގާ އެކްސިޑެންޓް ތައް މަދުކުރުމަށް ކަމާބެހޭ އެކި ފަރާތްތަކާ ވާހަކަ ދައްކަވާ ކަމަށް އިޝާރާތް ކުރައްވައި އަރީފް ވިދާޅުވީ މާލެ އަށް މަހަކު ތިން ސަތޭކަ ވެހިކަލް އިތުރުވާ ކަމަށެވެ.