06 Nov 2013, 12:14
ވިކްޓޯރިއާ ޕްލެޒެން 1-0 އިން ބަލިކޮށް ޗެމްޕިއަންސް ބަޔާން މިއުނިކް ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް ހަދާފައިވާ ބާސެލޯނާގެ ނުވަ މެޗުގެ ރެކޯޑާ އެއްވަރު ކޮށް، މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް މީގެ ކުރިން ބާސާއަށް ލިބިފައިވަނީ ބަޔާންގެ މިހާރުގެ ކޯޗް ޕެޕްގާޑިއޮލާ ބާސާއަށް ކޯޗްކަން ކޮށްދިން އިރު އެވެ.
ރޭގެ މެޗުގައި ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު ބަޔާންއިން ވަނީ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ކުރިމަތި ކޮށްފަ އެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ބަޔާންއަށް ކާމިޔާބުކޮށްދިނީ 65 ވަނަ މިނިޓުގައި ބަޔާންގެ ކްރޮއޭޝިއަން ފޯވަޑް މާރިއޯ މަންޒުކިޗް އެވެ. ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މަންޒުކިޗް އެ ލަނޑު ކާމިޔާބުކުރީ ފިލިޕް ލާމް ޕްލެޒެންގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ނަގައިދިން ރީތި ހުރަހެއް ބޮލުންޖަހައި ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ރޭގެ މެޗުގައި ބަޔާންގެ ފްރޭންކް ރިބެރީއާއި ލާމްގެ އިތުރުން މާރިއޯ ގޮޓްޒާއަށް ވެސް ލަނޑު ޖަހާނޭ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ. އަދި ޕްލެޒަންގެ ޑެނިއެލް ކޮލާއަށް ވެސް ލަނޑުޖަހާނޭ ރަނގަޅު ފުރުސަތެއް ލިބުނެވެ.
މި މެޗުން މޮޅުވެގެން އެންމެ ފަހުގެ ޗެމްޕިއަން ބަޔާންއަށް މުބާރާތުގެ ގަދަ 16 އިން ޖާގަ ލިބިފައިވާއިރު އެޓީމަށް އަދި ގްރޫޕް ސްޓޭޖްގައި ބާކީ ދެ މެޗު ކުޅެން އެބައޮތެވެ.
މި މަހުގެ 27 ގައި ބަޔާން ވާދަކުރަންޖެހޭނީ ރަޝިޔާގެ ސީއެސްކޭއޭ މޮސްކޯއާ އެވެ. އަދި ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އަންނަ މަހުގެ 10 ވަނަ ދުވަހު ބަޔާން ނުކުންނާނީ، ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ނޮކްއައުޓް ސްޓޭޖުން ޖާގައެއް ކަށަވަރު ކޮށްފައިވާ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.