06 Nov 2013, 12:16
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓްގައި ސޮއިކުރައްވަން ތިން ކެންޑިޑޭޓުން ވެސް އެއްބަސްވެވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދައުވަތަކަށް، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާއި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމާ އެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލު ކުރެއްވުމަށް ފަހު ތިން ކެންޑިޑޭޓުން ވަކިވަކީން މީޑިއާ އަށް ވިދާޅުވީ ވޯޓާސް ލިސްޓްގައި އެ ބޭފުޅުން ސޮއި ކުރައްވާނެ ކަމަށެވެ.
އަދި ވޯޓާސް ލިސްޓްގައި ސޮއި ކުރެއްވުމަށް އެ ކެންޑިޑޭޓުންގެ ފަރާތުން މަންދޫބުން އިލެކްޝަންސް ކޮމިޝަނަށް މިއަދު ހެނދުނު ފޮނުއްވާފައިވާނެ ކަމަށް ޔާމީނާއި ގާސިމު ރައީސް އޮފިހުން ނިކުމެވަޑައިގަތުމަށް ފަހު ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ. ނަޝީދު އެ ބައްދަލު ކުރެއްވުމަށް ފަހު ސީދާ ވަޑައިގަތީ އިލެކްޝަންސް ކޮމިޝަނަށް ވޯޓާސް ލިސްޓްގައި ސޮއި ކުރެއްވުމަށެވެ.
ހަމަ އެހެންމެ ނޮވެމްބަރު 11ގެ ކުރިން ރައީސަކު އިންތިހާބު ކުރުމަށް ޓަކައި މި މަހު 10 ނޫނީ އަދި 11ގައި ނަމަވެސް ދެ ވަނަ ބުރު ބޭއްވުމަށް ބޭނުންވާ ކަމަށް ޔާމީނާއި ގާސިމް ވިދާޅުވި އެވެ.
ރިޔާސީ ތިން ކެންޑިޑޭޓުންނާ ބައްދަލުކުރެއްވަށް ފަހު ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ އިންތިހާބެއް ނުބޭއްވުމަކީ ވެގެންވާނެ ކަމެއް ނޫން ކަމަށާއި އަންނަ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުމަށް ވޯޓާސް ލިސްޓްގައި ސޮއި ކުރެއްވުމަށް ތިން ކެންޑިޑޭޓުން މިއަދު އެއްބަސްވެވަޑައިގެންނެވީތީ އެކަމާ އުފާކުރައްވާ ކަމަށެވެ.
އަދި އެހެންމެ ނޮވެމްބަރު 11 އަންނަ އިރު އިންތިހާބުވެފައިވާ ރައީސަކު ނެތުމުން ދިމާވާ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލަކީ ނޮވެމްބަރު މަހު 11ގެ ކުރިން އިންތިހާބުވެފައި ހުންނަވާ ރައީސަކު ހުންނެވުން ކަމަށް ތިން ކެންޑިޑޭޓުން ވެސް އެއްބަސްވެވަޑައިގެންނެވި ކަމަށް ރައީސް ޑރ. ވަހީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމަށް ފަހު ދެ ވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ 11 ކުރިން ދެވަނަ ބުރެއް ބޭއްވުމަށް ސަރުކާރުން އިލެކްޝަންސް ކޮމިޝަނަށް ދެއްވަން ޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެން އިލެކްޝަނަށް އެއްބާރުލުން ދޭންނަން. އަޅުގަނޑުމެނަށް ހައްލުކޮށްދެވެން އޮތް ކަމަށްވާ ނަމަ ހައްލުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.