06 Nov 2013, 11:37
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މައްޗަށް އުފުލާފައިވާ ކެނަބިހުން މުއާމަލާތްކުރުމުގެ ކުށުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހަޅައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޖާބިރުގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައި ވަނީ ހާދިސާ ހިނގިތަނަށް ދިޔަ ތިން ފުލުހެކެވެ.
ޖާބިރުގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ ފަތިހު 4:30 އެހާކަންހާއިރު ހދ. ހޮނޑައިދޫ އުތުރު ފަރާތުގައި ބާއެއްގޮތަށް ހަދާފައިވާ ހަޓުކައިރީގައި ޖާބިރު ހުންނަވަނިކޮށް އޭނާ ހައްޔަރުކޮށް އެތަން ބަލައިޗެކް ކުރި އިރު މަސްތުވާތަކެތި ފެނިފައިވާތީ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޖާބިރު ވެސް ވަނީ ދިފާއުގައި ހެކި ހުށަހަޅުއްވާފަ އެވެ.
ޖާބިރު ވިދާޅުވީ އެ ދައުވާ އަކީ އޭނާގެ މައްޗަށް ކުރެވޭނެ ދައުވާއެއް ނޫން ކަމަށާއި ހޮނޑައިދޫގައި ފުލުހުން އޭނާ އަށް އަނިޔާކުރި ކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ތަހުގީގު ރިޕޯޓުން އެނގޭ ކަމަށެވެ. އަދި ވިދާޅުވީ ދައުލަތުން ހެކީންގެ ގޮތުގައި ހުށަހެޅި ތިން ހެކީންނަކީ އޭނާ އަށް އަނިޔާ ކުރި ތިން ފުލުހުން ކަމަށެވެ.
ޖާބިރުގެ ވަކީލު އިޝްހާރު ތައުފީގު ވިދާޅުވީ ގާނޫނާ ޚިލާފަށް ހޯދާ ހެކި ޝަރީއަތަށް ބަލައިނުގަނެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށާއި އެހެން ކަމުން ފުލުހުން ޖާބިރަށް އަނިޔާކޮށްފައި ވާތީ ފުލުހުންގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ.
ގާޒީ ވިދާޅުވީ ދައުލަތުން ހެކި ހުށަހަޅައިފިނަމަ އެ ހެކީންގެ ހެކިބަސް ކޯޓުން ނަގާނެ ކަމަށާއި އެ ހެކީންގެ ހެކިބަހަކީ ޝަރީއަތަށް ބަލައިގަނެވޭނެ ހެކިތޯ ނުވަތަ ނޯންތޯ އެ މައްސަލައިގެ ހުކުމުން އެނގިގެންދާނެ ކަމަށެވެ.
ޖާބިރުގައިގައި ފުލުހަކު ފައިން ޖަހާ މަންޒަރު ފުލުހުން ހުށަހެޅި ވޯޑިއޯއިން ފެންނަ ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ބުނެފައިވާ ކަމަށާއި އެހެންކަމުން ޕީޖީ އޮފީސް މެދުވެރިކޮށް އެ ވީޑިއޯ ޝަރީއަތަށް ހުށަހެޅުމަށް ޖާބިރުގެ ވަކީލު އެދިވަޑައިގަތެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވަނީ އެ ވީޑިއޯ ކޯޓަށް ހުށަހެޅުމަށް ދައުލަތަށް އަންގާފަ އެވެ.