އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީކުރަން ހުށަހެޅި 71،000 ފޯމްގެ އިނގިލީގެ ނިޝާން ސައްހަތޯ ބަލަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ފަޔާޒު ހަސަން ވިދާޅުވީ ކޮމިޝަނުގެ މެމްބަރުން އިއްޔެ ނިންމާފައި ވަނީ ވަގުތު އޮތްވަރަކުން ވީހާވެސް ގިނަ ފޯމެއްގެ އިނގިލީގެ ނިޝާން ސައްހަތޯ ބެލުމަށް ކަމަށެވެ.

"މިކަމުގައި ޕާޓީތަކުން އެދިފައި ހުރި ގޮތަށް އިނގިލީގެ ނިޝާން ސައްހަތޯ ބެލުމަށް މަސައްކަތްކުރާނަން. އެކަމަކު ވަގުތުގެ ދަތިކަން އަޅުގަނޑުމެންނަށް އެންމެ ބޮޑު ގޮންޖެހުމަކަށް މިއޮތީ،" އޭނާ ވިދާޅުވި އެވެ.

ފަޔާޒު ވިދާޅުވީ އިނގިލީގެ ނިޝާން ސައްހަތޯ ބެލުމަށް ނެޝަނަލް ރެޖިސްޓްރޭޝަނަށް 41،000 ފޯމެއް ރޭ ފޮނުވާފައިވާ ކަމަށެވެ.

އަލުން ރަޖިސްޓްރީކުރަން ހުށަހެޅި 71،000 ފޯމްގެ އިނގިލީގެ ނިޝާން ސައްހަތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިއިރު، ޖުމްހޫރީ ޕާޓީން ބުނެފައި ވަނީ ހުރިހާ ފޯމެއްގެ އިނގިލީގެ ނިޝާން ސައްހަކަން ޔަގީންނުވަނީސް ވޯޓާސް ލިސްޓްގައި ސޮއިކުރަން ދަތިވާނެ ކަމަށެވެ. އަދި ޕީޕީއެމް އިން ހުށަހަޅާފައިވާ 6،000 ފޯމް ޗެކްނުކުރަނީސް ސޮއިކުރަން ދަތިވާނެ ކަމަށް ބުނެފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ވިދާޅުވީ ޕާޓީތަކުން ހުށަހަޅާފައިވާ ކަންތައްތައް ވީވަރަކުން ކޮށްދެވޭތޯ ބަލަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ގައިޑްލައިންގެ ބޭރުން ވެސް ޕާޓީ ހުށަހަޅާފައިވާ ކަންތައްތައް ވެސް ކޮށްދީގެން ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުމަށް. އެބޭފުޅުން ވެސް އެބަ ވިދާޅުވީ އެއްބާރުލުން ދެއްވާނެ ކަމަށް. އެހެން ކަމަށްވަންޏާ އަޅުގަނޑުމެން ވެސް ޖެހޭނެ ވަގުތު އޮތް ވަރަކުން އެބޭފުޅުން ހުށަހަޅާ ކަންތައްތައް މީޓްކުރެވޭތޯ ބަލަން،" ފަޔާޒް ވިދާޅުވި އެވެ.

އިލެކްޝަންސް އިން ހުށަހެޅި 41،000 ފޯމްގެ އިނގިލީގެ ނިޝާން ސައްހަތޯ ބެލުމަށް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ނެޝަނަލް ރެޖިސްޓްރޭޝަންގެ ޑިރެކްޓަރު ފަރީދާ ޔޫސުފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޭގެ ވަގުތެއްގައި ފުލުހުންނާ ހަވާލުކުރި ފޯމްތައް ޗެކްކޮށް ނިންމާނެ ވަގުތެއް އަދި އަންގާފައިނުވާ ކަމަށެވެ.