ރާއްޖޭގައި އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު، މިހާރު ޝެޑިއުލްއާ އެއްގޮތަށް ބާއްވަން ބާރު އެޅުމަށް ޔުނައިޓެޑްނޭޝަންސް (ޔޫއެން)ގެ މަންދޫބުން ރާއްޖެ އުމަށް ހަމަޖައްސައިފި އެވެ.

ޔޫއެން އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެޖަމާއަތުގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ޕޮލިޓިކަލް އެފެއާޒް އޮސްކާ ފެނާންޑޭޒް ޓެރެންކޯ ރާއްޖެ އަށް ދެދުވަހުގެ ދަތުރުފުޅެއް ކުރައްވާނެ ކަމަށެވެ.

ފެނާންޑޭޒް ވަޑައިގަންނަވާ އިރު ކޮމަން ވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު ޑޮން މެކިނަން މިހާރު ހުންނެވީ ރާއްޖޭގަ އެވެ. އޭނާ ރާއްޖެ ވަޑައިގެންނެވީ މިދިޔަ އާދީއްތަ ދުވަހު އެވެ. ރާއްޖޭގެ ސިޔާސީ ބައެއް ލީޑަރުންނާ މެކިނަން މިހާރު ވަނީ ބައްދަލުކުރައްވާފަ އެވެ.

ފެނާންޑޭޒްގެ ދަތުރުފުޅުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ސިޔާސީ ލީޑަރުންނާ ބައްދަލުކުރައްވާނެ ކަމަށް ޔޫއެންގެ ބަޔާނުގައިވެ އެވެ. އެގޮތުން މިހާރު ހަމަޖެހިފައިވާ ގޮތަށް އިންތިހާބު ބޭއްވުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި އެކަމަށް އޭނާ ބާރު އަޅުއްވާނެ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ އެކްސްޓާނަލް މިނިސްޓްރީގެ ޖޮައިންޓް ސެކްރެޓަރީ ހަރުޝްވަރުދަން ޝްރިންގްލާ ރާއްޖެ ވަޑައިގެން އުޅުއްވާ ކަމަށެވެ.

ޔޫއެން އިން ބުނީ ފެނާންޑޭޒް ރާއްޖެ ވަޑައިގަންނަވާ އިރު މެކިނަންގެ ދަތުރުފުޅާ ދިމާ ވުމަކީ ރާއްޖޭގެ ކަންތަކުގައި ޔޫއެން އާއި ކޮމަންވެލްތާ ދެމެދު ކޯޑިނޭޓް ކުރަމުން އަންނަ ގާތްކަން ދައްކައިދޭ ކަމެއް ކަމަށެވެ.
ރާއްޖޭގައި ކަނޑައަޅާފައިވާ ތާރީހަށް ރިޔާސީ އިންތިހާބު ބޭއްވުމަށް ދުނިޔެ އިން ގޮވަމުން ދާއިރު އެއިންތިހާބު އެތާރީހުގައި ބޭއްވިދާނެ ކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.