ޕަސްކޯލް ވޮލީބޯލް އެސޯސިއޭޝަން ކަޕް ފިރިހެން ޑިވިޝަން ސެމީފައިނަލްގެ ދެ ވަނަ މެޗްގައި ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)ގެ މައްޗަށް ކުރި ހޯދައި ކްލަބް ޕީކޭ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފި އެވެ.

ދިވެހި ސިފައިންގެ ކްލަބުގެ މައްޗަށް ކްލަބް ޕީކޭ ކުރި ހޯދާފައިވަނީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި ރޭ ކުޅުނު މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެން ނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ސެޓް ތައް ކުލަބް ޕީކޭއިން ކާމިޔާބު ކޮށްފައި ވަނީ 25-20، 25-17 އަދި 25-23 އިންނެވެ.

މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ކްލަބް ޕީކޭގެ އިސްމާއީލް ޝާހް އެވެ.

މިމުބާރާތުގެ ސެމީ ފައިނަލްގެ ތިން ވަނަ މެޗްގައި މިރޭ 8:30 ގައި ބައްދަލުކުރާނީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ޔޫތު ސްޕޯޓްސް ކުލަބާ ވާދަކޮށް ސީދާ ތިން ސެޓުން މެޗް ކާމިޔާބު ކުރި ޕޮލިސް ކްލަބާއި ރޭގެ މެޗުން ބަލިވި ދިވެހި ސިފައިންގެ ކްލަބެވެ. މިރޭގެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ދެ ވަނަ ޖާގަ ކަށަވަރު ވާނެ އެވެ.

މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގެ ރޭ 8:30 ގައެވެ.