06 Nov 2013, 10:12
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ރަޝިޔާގެ ސީއެސްކޭއޭ މޮސްކޯ 5-2 އިން ބަލިކޮށް އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީ، އެ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
ސިޓީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި އެޓީމުގެ ސްޕެއިން ފޯވާޑް އަލްވާރޯ ނެގްރެޑޯ ހެޓްރިކެއް ހަދާފައިވާއިރު އަނެއް ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާ ސްޓްރައިކާ ސަޖިއޯ އަގުއެރޯ އެވެ.
ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޖުމުލަ ނުވަ ޕޮއިންޓް ހޯދައިގެން ގްރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައި ސިޓީން ގަދަ 16އިގެ ޖާގައެއް ކަށަވަރުކުރިއިރު އެ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 12 ޕޮއިންޓާއެކު ދެވަނަ ބުރުން ޖާގަ ހޯދާފައިވަނީ، ޗެމްޕިއަން ބަޔާން މިޔުނިކް އެވެ.
ރޭގެ މެޗުގެ ތިން ވަނަ މިނިޓުގައި ސިޓީއަށް ކުރި ހޯދައިދިނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން އަގުއެރޯ އެވެ. އަދި އޭގެ 17 މިނިޓުފަހުން ސިޓީގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ އަގުއެރޯ އެވެ.
ސިޓީގެ ތިން ވަނަ ލަނޑު މެޗުގެ 30 ވަނަ މިނިޓުގައި ނެގްރެޑޯ ކާމިޔާބުކޮށްދިނީ އަގުއެރޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ސީއެސްކޭއޭގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސެއިޑޫ ޑުމްބިއާ އެވެ.
ދެވަނަ ހާފްގެ ކުޅުން ފެށިގެން ފަސް ވަރަކަށް މިނިޓުގެ ތެރޭގައި ސާމިރު ނަސްރީ ތަނަވަސް ކޮށްދިން ފުރުސަތަކުން ނެގްރެޑޯ ވަނީ ސިޓީގެ ހަތަރުވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފަ އެވެ. އަދި އޭނާ މެޗުގައި ހެޓްރިކް ހެދި ލަނޑު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގައި ޖޭމްސް މިލްނާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މެޗުގެ 71 ވަނަ މިޓުގައި ސީއެސްކޭއޭގެ ފަހު ލަނޑު ވެސް ކާމިޔާބުކޮށްދިނީ ޑުމްބިއާ އެވެ.
ގްރޫޕް ޑީ ގައި ރޭ ކުޅުނު އަނެއް މެޗުގައި ވިކްޓޯރިއާ ޕްލެޒްންއާ ވާދަކޮށް ބަޔާން މިޔުނިކް މޮޅުވީ 1-0 އިންއިނެވެ.