ނއުދިއްލީ (ނޮވެމްބަރު 6): އިންޑިޔާގެ ޢިލްމީ ގާބިލްކަން ދައްކާލުމުގެ ގޮތުން އެގައުމުން ފަޒާގެ ދިރާސާތަކާ ބެހޭ އުޅަނދެއް ކާމިޔާބުކަމާ އެކު އިއްޔެ މާސްއަށްއުދުއްސާލައިފި އެވެ.

"މަންގަލިޔާން" ނަމަކަށްކިޔާ މިއުޅަނދާބެހޭ ގޮތުން އިންޑިޔާގެ ފަޒާއާބެހޭ އިދާރާ "އިންޑިޔަން ސްޕޭސް އެންޑްރިސާޗް އޮގަނައިޒޭޝަން" (އިސްރޯ)ގެ ވެރިޔާ ކޭ ރާދަކްރިޝްނަން ވިދާޅުވީ އިންޑިޔާ އިން މާސްއަށް އުޅަނދެއް އުދުއްސާލުމުގެ ބޭނުމަކީ ސޯލާ ސިސްޓަމްގައި ހިމެނޭ ޕްލެނެޓްތަކަށް ޖައްވީ ދިރާސީ އުޅަނދުތައް ފޮނުވުމުގެ ޢިލްމީ ގާބިލް އިންޑިޔާގައި ހުރިކަން ދުނިޔެއަށް ދައްކާލުމެވެ. މިއީ ސޯލާ ސިސްޓަމްގައި ހިމެނޭ ޕްލެނެޓަކަށް އިންޑިޔާ އިން ދިރާސާ އުޅަނދެއް ފޮނުވާލި ފުރަތަމަ ފަހަރެވެ.

އިންސާނަކާނުލައި ދަތުރުކުރާ މި އުޅަނދުގެ ބޭނުމަކީ މާސްގެ ޖައްވާއި ބިން ތަހްލީލްކޮށް ކަމާ ބެހޭ ފޮޓޯ އާއި މައްލޫމާތާއި އިންޑިޔާގެ ކަމާ ބެހޭ ސްޓޭޝަންތަކަށް ފޮނުވުން ކަމަށް ޚަބަރުލިބެ އެވެ. މިގޮތުން މާސްގެ ޖައްވުގައި މިތޭން ގޭސް ހުރި މިންވަރު މިއުޅަނދުން ބަލާނެ އެވެ. މާސްގެ ޖައްވުގައި މިތޭން ގޭސް ހުރި މިންވަރު ބެލުމަށް މިހާތަނަށް އެމެރިކާ ކޮށްފައިވާ މަސައްކަތްތައް ވަނީ ނާކާމިޔާބުވެފަ އެވެ. މިގޮތުން އެމެރިކާ އިން މާސް އަށް އެންމެ ފަހުން ފޮނުވި އުޅަނދު "ކިއުރިއޮސިޓީ" ވަނީ މާސްގެ ޖައްވުގައި މިތޭން ގޭސް ހުރި މިންވަރު ބެލުމުގައި ނާކާމިޔާބުވެފަ އެވެ.

އިންޑިޔާގެ ފަޒާއާ ބެހޭ އިދާރާ ބުނާގޮތުން"މަންގަލިޔާން" މާސްގެ ސަތަޙުގެ ކައިރިއަށް ވާސިލްވުމަށް 300 ދުވަސް ނަގާނެ އެވެ. އަދިމަންގަލިޔާން" އަށް މާސް އަށް ދެވޭނީ 2014 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ. މާސް އާއި މިދުނިޔޭގެ ބިމާދެމެދު ގާތްގަނޑަކަށް 780 މިލިއަން ކިލޯ މީޓަރުގެ ރާސްތާގެ ދުރުމިން ހުންނަ ކަމަށް ޢިލްމީ ދިރާސާތައް ބުނެ އެވެ. މަންގަލިޔާން" މާސް އަށް އުދުއްސާލާފައި ވަނީ އިންޑިޔާގެ އިރުމަތީ އައްސޭރިފަށުގައިވާ ފަޒާއާބެހޭ މަރުކަޒެއް ކަމަށްވާ "ސަތިޝް ދަވާން" އިންނެވެ.

ފަންނީ އެއްވެސް މައްސަލައެއް ކުރިމަތިނުވެ "މަންގަލިޔާން" މާސް އަށް ވާސިލްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އިސްރޯގެ ވެރިޔާ ކޭ. ރާދަކްރިޝްނަން ވިދާޅުވި ނަމަވެސް މާސްއަށް މިހާތަނަށް މިފަދަ އުޅަނދުތައް ފޮނުވާފައިވާ ތިން ފަރާތުންކުރެ އެއް ފަރާތަށް ވެސް ފުރަތަމަ ފަހަރު މިކަން ކާމިޔާބު ކުރެވިފައެއްނުވެ އެވެ. މިހާތަނަށް މާސް އަށް އުޅަނދެއް ފޮނުވުމުގައި ކާމިޔާބުހޯދާފައިވާ ހަމައެކަނި ތިންފަރާތަކީ އެމެރިކާ އާއި ރަޝިޔާގެ އިތުރުން ޔޫރަޕްގެ ފަޒާއާބެހޭ އިދާރާ އެވެ. މިއިން ކޮންމެ ފަރާތަކަށްވެސް މާސް އަށް އުޅަނދެއް ފޮނުވިފައިވަނީ އެތަށް ފަހަރަކު ނާކާމިޔާބީ އާ ކުރިމަތިލާނެ ޖެހުމަށްފަހުގަ އެވެ.

އިންޑިޔާ އިން މާސް އަށް އުޅަނދެއް ފޮނުވިނަމަވެސް އިންޑިޔާއަކީ އިންސާނުން ފަޒާއަށް ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ ގައުމެއްނޫނެވެ. އިންސާނުން ފަޒާއަށް ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ރަޝިޔާ، އެމެރިކާ އަދި ޗައިނާ އެވެ. އިންޑިޔާ އިން މާސް އަށް އުދުއްސާލި އުޅަނދު ތައްޔާރު ކުރުމަށް 72 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކޮށްފައިވާ އިރު ކުޑަކުދިން ކާޑުބަލި އެންމެ ބޮޑަށް ތަހައްމަލްކުރާ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ އިންޑިޔާ އިން މިވަރުގެ ބޮޑު ޚަރަދެއް ހަމައެކަނި ޢިލްމީ ގާބިލްކަން ދައްކާލުމަށް ޓަކައި ކުރުމުގެ ބޭނުމާ މެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފަ އެވެ. (ނޫސްއެޖެންސީތައް)