06 Nov 2013, 09:50
ބާރުގަދަ މީހުންނާ ދެކޮޅަށް އަނގައިންބުނާ ކޮންމެ މީހެއްގެ "ދުވަސް ދުއްވާލައި" ބާރުގަދަކޮށްގެން ޚުދުމުޚުތާރު ވެރިކަމެއް ރާއްޖޭގައި ގާއިމްކުރަން އެމްޑީޕީން އުޅޭ ކަމަށް ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު ތުހުމަތު ކުރައްވައިފި އެވެ.
ދިޓީވީގެ ޚަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމާ ރޭ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލިބުމާ އެކު ބާރުގަދަކޮށްގެން ޚުދުމުޚުތާރު ވެރިކަމެއް ރާއްޖޭގައި ގާއިމްކުރުމުގެ ވިސްނުން އެމްޑީޕީން ގެންގުޅޭ ކަމަށެވެ.
"ބާރުގަދަ މީހުންނާ ދެކޮޅަށް އަނގައިން ބުނާ ކޮންމެ މީހަކުގެ ދުވަސް ދުއްވާލަން ނުވަތަ އެބަޔަކު ބިރުގަންނަވާ ފަހަތަށް ޖައްސަވާލުން. އެގޮތަށް ބާރުގަދަކޮށްގެން ޚުދުމުޚުތާރު ވެރިކަމެއް ގާއިމްކުރުން މީގެ ވިސްނުމަކަށް މިވަނީ. އެހެންވީމާ މިހާރު މަޖިލީސް ވެސް ނެގީ،" އާޒިމާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ އެކަމަނާ ބަންޑާރަ ނާއިބު ކަމުގެ މަގާމުން ވަކިކުރެއްވީ ރިޔާސީ އިންތިޚާބު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައިގައި ބަންޑާރަ ނާއިބުގެ އޮފީހުން ތައްދައްޚުލްވުމުން އެކަމާ ހިތްހަމަނުޖެހިގެން ޒާތީ ގޮތުން ޖައްސާލައިގެން ކުރި ކަމެއް ކަމަށެވެ.
އެކަމަނާ ވިދާޅުވީ އެ މައްސަލައިގެ ތެރެއަށް ބަންޑާރަ ނާއިބްގެ އޮފީހުން ތަދައްޚުލްވީ ދައުލަތުގެ އެންމެ އިސްވެރިޔާ އަށް ފުލުހުން ހުށަހެޅި ރިޕޯޓަކާ ގުޅިގެން ކަމަށާއި އިތުރު އެއްވެސްކަމާ ގުޅިގެން ސުޕްރީމް ކޯޓުގައި ވަކާލާތުކޮށްފައިނުވާނެ ކަމަށެވެ.
އެމްޑީޕީން ސީދާ އެމަނާގެ އާއިލާއާ ޒާތީގޮތުން ޖައްސާލައި ހަސަދަވެރިކަމެއް ގެންގުޅޭ ކަމަށް އާޒިމާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.
"ސީދާ ޒާތީގޮތުން އަޅުގަނޑުމެންގެ އާއިލާއާ އޮންނަ ހަސަދަވެރިކަމެއް އޮންނަ ކަމަށް އަޅުގަނޑުމެންނަށް ފެންނަ ހިސާބަށް ކަންތައްތައް އެބަދޭ. އޭގައި ވަރަށް ކްލިއާ،" އާޒިމާ ވިދާޅުވި އެވެ.
އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު އެމްޑީޕީން ވަރަށް ގިނަ އޮފާތަކެއް ހުށަހެޅުއްވި ކަމަށާއި ނަމަވެސް ބާރުގަދަ މީހުންނަށް ކުޑަކަކޫ ޖަހައިގެން ވަޒީފާ އަދާކުރަން ބޭނުންނުވާ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
"އަޅުގަނޑު ކޮންމެހެން ބަޔަކާ ޑީލްހަދައިގެން އަޅުގަނޑު ހުރި ފަރާތް ނޫން އެހެން ފަރާތަކަށް ބަދަލުކޮށްގެން ބާރުގަދަ މީހުންނަށް ކުޑަކަކޫ ޖަހައިގެން އަދާކުރަން ޖެހޭ ވަޒީފާއެއް ނޯންނާނެ. އެމްޑީޕީގެ ފަރާތުން ވަރަށް ގިނަ އޮފާތަކެއް އައި އަޅުގަނޑަށް. މިދެންނެވީ ބަޔަކަށް ކުޑަކަކޫ ޖަހައިގެން އަޅުގަނޑު ވަޒީފާ އަދާކުރާކަށް ނުޖެހޭނޭ. އަޅުގަނޑު ބޭނުމެއް ނޫން އެހެނެއް ވަޒީފާ އަދާކުރާކަށް،" އާޒިމާ ވިދާޅުވި އެވެ.
ބަންޑާރަ ނާއިބްގެ މަގާމާ ހަވާލުވެވަޑައިގަތީ ދައުލަތަށް ދަތިވެގެން ސަރުކާރުގެ ފަރާތުން އެކަމަށް އެދުމުން ކަމަށާއި ނޮވެމްބަރު 11ގެ ފަހުން ވަޒީރުކަން ދޫކޮށްލައްވަން މީގެ ކުރިން ވެސް ނިންމަވާފައިވާ ކަމަށް އާޒިމާ ވިދާޅުވި އެވެ.