އިސްލާމް އާބާދު (ނޮވެމްބަރ 6): ޕާކިސްތާނުން،ނިއުކްލިޔާ ހަތިޔާރު އުފުލުމުގެ ގާބިލްކަން ލިބިފައިވާ ބެލަސްޓިކް މިސައިލެއް ކާމިޔާބުކަމާ އެކު އިއްޔެ ތަޖްރިބާ ކޮށްފި އެވެ.

"ހަފްތް 10 ނަޞްރު"ގެ ނަމުން ނަންދީފައިވާ މި މިސައިލަކީ ފަސްދޮޅަސް ކިލޯ މީޓަރުގެ ކުރު ރާސްތާގެ މިމިސައިލެއް ކަމަށާ މިއީ އެއްގަމުން އެއްގަމަށް ޙަމަލާދިނުމަށް ބޭނުންކުރާ މިސައިލެއް ކަމަށް ޕާކިސްތާނުގެ ސިފައިން ބުނެ އެވެ. ޕާކިސްތާނުގެ ސިފައިންގެ ފަރާތުން ނެރުނު ބަޔާނެއްގައިވާ ގޮތުން މި މިސައިލް ތަޖްރިބާކޮށްފައި ވަނީ އެކްސް މަރުކާއެއްގެ އާދައިގެ ހަތަރު މިސައިލް ވެސް ތަޖްރިބާކުރުމަށް ޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ފަސް މިސައިލް ވެސް އުދުއްސާލުމަށް ބޭނުންކޮށްފައި ވަނީ މަލްޓި ޓިއުބް ލޯންޗަރެކެވެ. މިރަސްމިއްޔާތުގައި ޕާކިސްތާނުގެ ސިފައިންގެ ކޮމާންޑަރު އަދި ޗީފް އޮފް ސްޓާފްޖެނެރަލް އަޝްފާގް ޕަރުވޭޒް ކިޔާނީ އާއި ސިފައިންގެ އިސް އޮފްސަރުން ބައިވެރިވެވަޑައިގެންނެވި ކަމަށް އެބަޔާން ބުނެ އެވެ. ނަމަވެސް މި ރަސްމިއްޔާތު ބޭއްވި ތަނެއް ހާމަކޮށްފައެއް ނުވެ އެވެ.

މިސައިލް ތަޖްރިބާކުރުމުގެ ރަސްމިއްޔާތަށް ފަހު ދެއްވި ބަޔާނެއްގައި ޖެނެރަލް ކިޔާނީ ވަނީ މިސައިލް އިޖާދު ކުރި ޕާކިސްތާނުގެ ސައިންސްވެރިންނަށާއި މިސައުލް އުދުއްސާލުމުގެ ކަންތައްތައް އިންތިޒާމުކުރި ސިފައިންގެ އިންޖިނިއަރިންގް ޓީމަށް މަރުޙަބާ ވިދާޅުވެ އެފަރާތްތަކަށް ތާރީފު ކުރައްވާފައެވެ. ޖެނެރަލް ކިޔާނީ ވިދާޅުވީ މިއީ ހަމަލާދޭ މިސައިލަކަށް ވުރެ ދިފާޢީ މިސައިލެއް ކަމުގަ އެވެ.

"ހަފްތް 10 ނަޞްރު"މިސައިލަކީ ޕާކިސްތާނު ބިނާކޮށްފައިވާ ނިއުކްލިޔާ އައްޑަނައިގެ ނިޒާމު (ނިއުކްލިޔަރ ޑިޓަރެންޓް) އިތުރަށް ވަރުގަދަ ކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށްވެސް ޖެނެރަލް ކިޔާނީ ސިފަކުރެއްވި އެވެ. ޕާކިސްތާނަކީ 1998 ވަނަ އަހަރު ނިއުކްލިޔާ ހަތިޔާރު ތަޖްރިބާކޮށްފައިވާ ނިއުކްލިޔާ ބާރެކެވެ. ކޮންވެންޝަނަލް ހަތިޔާރާއި ފަޒާގެ ޓެކްނޮލޮޖީގައި ޕާކިސްތާނަށް ވުރެ އިންޑިޔާ ކުރީގައި އުޅުނު ނަމަވެސް ޕާކިސްތާނުގެ ނިއުކްލިޔާ ޑިޓަރެންޓް އިންޑިޔާއަށްވުރެ ވެސް ވަރުގަދަ ކަމަށާއި އިންޑިޔާގެ ކޮންމެތަނަކަށް ނިއުކްލިޔަރ ހަތިޔާރުން ޙަމަލާދިނުމުގެ ގާބިލްކަން ޕާކިސްތާނަށް ލިބިފައިވާ ކަމަށް ޢަސްކަރީ ރިޕޯޓްތައް ބުނެ އެވެ.

ހަތްފު މަރުކާގެ މިސައިލް ނިޒާމަކީ ޕާކިސްތާނުގެ ސައިންސްވެރިން އީޖާދުކޮށްފައިވާ މިސައިލް ނިޒާމެކެވެ. މިމަރުކާގެ އެކި ރޭންޖްތަކުގެ މިސައިލްތައް ޕާކިސްތާނުން ކާމިޔާބުކަމާ އެކު ތަޖްރިބާކޮށްފައިވެ އެވެ. (ނޫސްއެޖެންސީތައް)