ސަރަހައްދީ އެއާޕޯޓުތައް މީގެ ކުރިން ތަރައްގީކޮށް ހިންގީ ހަމައެކަނި ސަރުކާރުންނެވެ. އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 20- 25 މިލިއަން ރުފިޔާ އެއާޕޯޓެއް ހިންގުމަށް ހަރަދުވެ އެވެ. ނަމަވެސް އެއާޕޯޓަކަށް އާމްދަނީގެ ގޮތުގައި އަހަރަކު ލިބެނީ ފަސް މިލިއަނެއްހާ ރުފިޔާ އެވެ.

ސަރަހައްދީ އެއާޕޯޓުތަކުން ފައިދާއެއް ނުލިބި ބޮޑު ގެއްލުން ވަނީ އެތަންތަނުގެ މުވައްޒަފުންނަށް ހިންގާ ހަރަދާއި ތަނުގެ މަރާމާތަށް ހިންގާ ހަރަދު ބޮޑުވުމުންނެވެ. އޭގެ ތެރެއިން ގިނަ އެއާޕޯޓުތަކަކީ މީގެ ކުރިން ހަމައެކަނި ދިވެހިން ދަތުރުކުރާ ތަންތަނަށްވުމުން ކިތަންމެ ބޮޑު ހަރަދެއްކޮށްގެން ވެސް ހިންގަން ސަރުކާރަށް އޮތީ މަޖުބޫރުވެފަ އެވެ.

ސަރަހައްދީ އެއާޕޯޓުތައް ހިންގުމުގެ އުސޫލަށް މީގެ ދެތިން އަހަރުކުރިން ބަދަލު ގެނަ އެވެ. ސަރުކާރު ހިއްސާ ކުންފުނިތަކެއް އުފައްދައިގެން ބައެއް އެއާޕޯޓްތައް ހިންގި ނަމަވެސް އެ މޮޑެލް ވެސް ވަނީ ފެއިލްވެފަ އެވެ. އޭގެ ފަހުން މި އަހަރުގެ ކުރީކޮޅު ސަރުކާރުން ވަނީ ބައެއް އެއާޕޯޓުތައް ހިންގުން އަމިއްލަ ފަރާތްތަކާ ހަވާލުކުރަން ނިންމައިފަ އެވެ. އެގޮތުން ލ. ކައްދުއާއި ގއ. ކޫއްޑު އާއި ގދ. ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގާނެ ފަރާތްތަކެއް ހޯދަން އިއުލާންކުރި އެވެ.

ރީޖަނަލް އެއާޕޯޓްސްއިން ހިންގި ތިން އެއާޕޯޓު ހިންގާނެ ފަރާތްތަކެއް ހޯދަން ކުރި އިއުލާނާ ގުޅިގެން ހުށަހެޅި ބިޑްތައް އިވެލުއޭޓްކުރުމަށް ފަހު އޭގެ ތެރެއިން ތިން ފަރާތެއް ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން ކައްދޫ އެއާޕޯޓު އައިލެންޑް އޭވިއޭޝަނާ ހަވާލުކުރަން ނިންމި އެވެ. އަދި ކޫއްޑޫ އެއާޕޯޓު ވަނީ މިދިޔަ ހޮނިހިރު ދުވަހު ކޭއެޗްއޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްފަ އެވެ. އޭގެ އިތުރުން ކާޑެއްދޫ އެއާޕޯޓު ވެސް ވަރަށް އަވަހަށް ވިލާ އެއާ އާ ހަވާލުކުރާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުންޏެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވީ ސަރަހައްދީ އެއާޕޯޓުތައް ހިންގައިގެން ސަރުކާރަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވާ ކަމަށެވެ. އަދި އޭގެ އިތުރުން އެ ތަންތަން އިތުރަށް ތަރައްގީ ކުރުމަށް ފައިސާ ހޯދުމަކީ ފަސޭހަކަމެއް ނޫން ކަމަށް އަމީން ވިދާޅުވި އެވެ.

"ސަރުކާރުން ނިންމީ މި އަހަރުގެ ކުރީކޮޅު ސަރަހައްދީ ތިން އެއާޕޯޓެއް ހިންގުން އަމިއްލަ ފަރާތްތަކާ ހަވާލުކުރަން. އެ ފަރާތްތަކާ ހަވާލުކުރަނީ ކަންތައްތަކެއް ޝަރުތުކޮށްފައި. އެގޮތުން އެއާޕޯޓު ތަރައްގީކޮށް، ވަސީލަތްތައް ފުރިހަމަކުރުމަށް ވަރަށް ބޮޑު އިސްކަމެއްދީފައިވާނެ،" ކޫއްޑޫ އެއާޕޯޓު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން ހިންގާ ސަރަހައްދީ ބައެއް އެއާޕޯޓުތަކުގައި ގާތްގަނޑަކަށް 150 އެއްހާ މުވައްޒަފުން މަސައްކަތްކުރެ އެވެ. އަދި އޭގެ އިތުރުން ވެހިކަލްތައް މަރާމާތުކުރުމާއި އެއާޕޯޓުގެ މަސައްކަތްތަކަށް ހަރަދުކުރަން ޖެހެނީ ސީދާ ދައުލަތުގެ ބަޖެޓުންނެވެ. ބައެއް އެއާޕޯޓުތަކުގެ ޓާމިނަލްތަކުގެ ޖާގައިގެ ދަތިކަމާއި ވަސީލަތްތައް ނެތުމުގެ އިންތިހާއަށް ކުރިމަތިވެފައިވެ އެވެ. ނަމަވެސް އެކަންކުރުމުގެ ގާބިލްކަމެއް ސަރުކާރުގައި ނެތެވެ.

"މިހާރު ވެސް ކިރިޔާ ސިވިލްއޭވިއޭޝަންގެ މިންގަނޑުތަކަށް އެއާޕޯޓްތައް ހިންގެނީ. ނަމަވެސް އަމިއްލަ ފަރާތްތަކާ ހަވާލުކުރުމުން އެކަންކަން އިތުރަށް ފުރިހަމަކޮށް ތަރައްގީކުރަން މަޖުބޫރުވާނެ. މީގެ ބޭނުމަކީ ދައުލަތުން ކުރަން ޖެހޭ ހަރަދުތައް ކުޑަކޮށް އަމިއްލަ ފަރާތްތަކަށް އެކަން ކުރުމުގެ ފުރުސަތު ދިނުން،" ރީޖަނަލް އެއާޕޯޓްސްގެ ވެރިއަކު ވިދާޅުވި އެވެ.

ސަރުކާރުން އެންމެ ފަހުން ހަވާލުކުރި ކޫއްޑޫ އެއާޕޯޓަކީ ސިންގަޕޫރުގެ ބޮނަވިސްޓާ ކުންފުނިން ތަރައްގީކޮށް ހުޅުވި އެއާޕޯޓެކެވެ. އެ ކުންފުނިން އެއާޕޯޓު ތަރައްގީކުރުމަށް ފަހު ހިންގުން ސަރުކާރާ ހަވާލުކުރީ އެވެ. ނަމަވެސް ފަހުން އެތަން ހިންގުމާއި ވަސީލަތްތައް ފުޅާކޮށް، އެއާޕޯޓް ތަރައްގީކުރުމަށް ސަރުކާރުން ހަވާލުކުރީ ކޭއެޗްއޭ ކޮންސްޓްރަކްޝަނާ އެވެ. އެ ކުންފުނިން ވަނީ އެ އެއާޕޯޓުގެ ރަންވޭ 1،800 މީޓަރަށް ދިގުކޮށް ޓާމިނަލްގެ ޖާގަ ބޮޑުކުރަން ނިންމައިފަ އެވެ. އޭގެ އިތުރުން އެއް ފަހަރާ ފަސް ޖެޓް ޕާކުކުރެވޭނެ ގޮތަށް ތަރައްގީކުރަން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.

ސަރަހައްދީ އެއާޕޯޓުތައް އަލަށް ތަރައްގީ ކުރަން ސަރުކާރުން ނިންމި އިރު ވަނީ އަމިއްލަ ފަރާތްތަކާ ހަވާލުކުރަން ނިންމައިފަ އެވެ. އެގޮތުން އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން މިހާރު ވެސް ހަތަރު އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިޔަށް އެބަދެ އެވެ. އަދި އިތުރުން ނ. މާފަރާއި ދ. ކުޑަހުވަދޫގައި ވެސް އެއާޕޯޓެއް ހެދުމަށް ވަނީ ހުޅުވާލައިފަ އެވެ.

"ސަރުކާރުން މިހާރު ބޭނުން ވަނީ އަމިއްލަ އިންވެސްޓަރުންނާ ހަވާލުކޮށްގެން އެއާޕޯޓްތައް ތަރައްގީކޮށް ހިންގަން. ސަރުކާރުން މިތިބީ އެ ފުރުސަތު ފަހިކޮށްދޭން ތައްޔާރަށް. މިހާރު ހުޅުވާލާފައިވާ ދެ ތަނަށް ވެސް ވަރަށް ގިނަ ބަޔަކު ވަނީ ޝައުގުވެރިކަންފާޅުކޮށްފައި. އޭގެ މާނައަކީ މިކަން ކުރަން ބޭނުންވާ ފަރާތްތަކެއް އެބަތިބިކަން،" މިނިސްޓަރު ވިދާޅުވި އެވެ.

ރީޖަނަލް އެއާޕޯޓްތައް ސަރުކާރުން ތަރައްގީކުރި އިރު ރާއްޖޭގައި އޭރު އޮޕަރޭޓްކުރަނީ އެންމެ އެއާލައިނެކެވެ. އަދި އޭރު ގިނަވެގެން އެއާޕޯޓަކަށް ކުރާނީ އެއް ދަތުރެވެ. ނަމަވެސް މިހާރު އެ މަންޒަރު ވަނީ ބަދަލުވާން ފަށައިފަ އެވެ. ސަރަހައްދީ އެއާޕޯޓުތައް ކައިރީގައި ރިސޯޓުތައް ހުޅުވުމާ އެކު އެތަންތަނަށް ދަތުރުކުރާ ފްލައިޓްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި އެއާލައިން އިންޑަސްޓްރީ އަށް އިތުރު ބަޔަކު ނުކުތުމާ އެކު ވާދަވެރިކަން ވެސް ވަނީ ބޮޑުވެފަ އެވެ.

ސަރަހައްދީ ގިނަ އެއާޕޯޓްތަކަށް މިހާރު އެވްރެޖްކޮށް ދުވާލަކު ފަސް ދަތުރު ދެ އެއާލައިނުން ކުރަމުންދެ އެވެ. މީގެ ތެރެއިން ގިނަ ދަތުރުތަކަކީ ޓޫރިސްޓުން ގޮވައިގެންކުރާ ދަތުރުތަކެވެ. އެއާޕޯޓްތައް ކައިރީގައި ރިސޯޓްތައް ހުޅުވުމާ އެކު އެއާލައިންތަކަށް ލިބޭ އާމްދަނީ ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވީ ސަރަހައްދީ އެއާޕޯޓުތަކާ އެކު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ވެސް ކުރިޔަށް އޮތްތަނުގައި ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

"އެއާޕޯޓްތައް އިތުރުވުން އޭގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ރިސޯޓްތަކަށް. އަޅުގަނޑުމެން މި މަސައްކަތްކުރަނީ މިހާރު ހުރި ސަރަހައްދީ އެއާޕޯޓްތައް މިހާރަށް ވުރެ އެފިޝެންޓްކޮށް ހިންގައި އެތަންތަން އިތުރަށް ތަރައްގީކުރުން. ކުރިޔަށް އޮތްތަނުގައި ސަރަހައްދީ އެއާޕޯޓްތަކަކީ ވެސް ވަރަށް ބޮޑަށް ކުރިއަރާފައިވާ ތަންތަނަށް ބަދަލުވެގެންދާނެ،" އަމީން ވިދާޅުވި އެވެ.

ކޫއްޑޫ އެއާޕޯޓް ހިންގަން ހަވާލުވި ކޭއެޗްއޭ ކޮންސްޓްރަކްޝަން މެނޭޖިން ޑިރެކްޓަރު މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ކޫއްޑޫ އެއާޕޯޓަކީ ކުރިމަގުގައި ވަރަށް ރަނގަޅު ފައިދާ ނެރެވޭ ތަނަކަށް ހަދާނެ ކަމަށެވެ. އަދި އެ ސަރަހައްދުގައި އިތުރު ރިސޯޓްތައް ހުޅުވެންވާއިރަށް އެއާޕޯޓް ތަރައްގީކޮށް ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޓާގެޓްކުރަނީ 2015 ވަނަ އަހަރުގެ ނިޔަލަށް އެއާޕޯޓް ތަރައްގީކޮށް ނިންމަން. ކުރިޔަށް ކުރިޔަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މި ސަރަހައްދުގައި ހަދާ އިތުރު ތިން ރިސޯޓެއް ނިމެންވާއިރަށް އެއާޕޯޓުގެ މަސައްކަތް ނިންމާލެވޭނެ." އޭނާ ވިދާޅުވި އެވެ.

ސަރަހައްދީ އެއާޕޯޓުތަކަކީ ރަނގަޅު ފައިދާއެއް ނެރެވިދާނެ ތަންތަނެވެ. ނަމަވެސް އެތަންތަނުން ފައިދާއެއް ނެރެވޭނީ އެއާޕޯޓާއެކު ޓޫރިޒަމްގެ ވިޔަފާރި ވެސް ފުޅާކޮށްގެންނެވެ.