އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ކައުންސިލަރު އަހުމަދު މިރުޒާދު އައްޑޫ ސިޓީ އީކްއޭޓާ ހޮޓަލު ބީޗުގައި ބަނގުރާ ބުއި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފި އެވެ. ރޭ ދަންވަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިރުޒާދުއާއެކު އިތުރު ދެ މީހަކު ވެސް ހައްޔަރު ކުރި އެވެ.

ފުލުހުން ބުނީ ހައްޔަރު ކުރި ތިން މީހުން ބަލައިފާސްކުރިއިރު އީކްއޭޓާ ހޮޓަލުގެ ބީޗްގައި އެ މީހުން ތިބި މޭޒުމަތީގައި ހުރި ތަށިތަކުގައި ބަނގުރާ ހުއްޓައި ފެނިފައިވާ ކަމަށާއި މީގެ އިތުރުން ބަނގުރާ ދަޅެއް ވެސް އެ މޭޒުމަތިން ފެނިފައިވާ ކަމަށެވެ. އަދި އެ މީހުންގެ ކުޑަކަމުދާ ތަކެތި ތަހުލީލު ކުރިއިރު އަލްކަހޯލް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރޭ ދަންވަރު 12:30 އެހާކަންހާއިރު ފުލުހުން ހިންގި އޮޕަރޭޝަނުގައި ގަމު، އީކުއޭޓާ ހޮޓަލުން ހައްޔަރު ކުރި ތިން މީހުންގެ ވަނަވަރެއް ފުލުހުން އާންމެއް ނުކުރެ އެވެ. ފުލުހުން ބުނީ ބަނގުރާ ބުއި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ ފިރިހެނަކާއި 45 އަހަރުގެ ފިރިހެނެއްގެ އިތުރުން 53 އަހަރުގެ ފިރިހެނެކެވެ.

ބަނގުރާ ބުއިކަމުގެ ތުޙުމަތުގައި ފުލުހުން ހައްޔަރު ކުރި މިރުޒާދުއަކީ ސަރުކާރާއި ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާ މައްސަލައިގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.

މީގެ އިތުރުން އެ މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރު ކުރި 45 އަހަރުގެ މީހާއަކީ ބަނގުރަލުގެ މައްސަލައިގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.