ބޭހާއި އަދިވެސް ކުޑަކުދީންނަށް ޚާއްސަ ބައެއް އުފެއްދުންތައް އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޖޯންސަން އެންޑް ޖޯންސަންއާ ދެކޮޅަށް ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން، ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމަށް ޓަކައި އެމެރިކާ ސަރުކާރަށް 2.2 ބިލިއަން ޑޮލަރު ދައްކާން އެ ކުންފުނީން އެއްބަސް ވެއްޖެއެވެ.

ޖޯންސަން އެންޑް ޖޯންސަން ކުންފުންޏާ ދެކޮޅަށް ކުރެވިފައި ވާ ތުހުމަތުތަކަކީ އެ ކުންފުނީން އުފައްދާ ތިން ބޭހެއް މާކެޓު ކުރުމަށް ޓަކައި ނާޖާއިޒު ގޮތްގޮތަށް ބައެއް ޑަކްޓަރުންނާއި ފާމަސީތަކަށް ރިޝްވަތު ކަމަށް ބެލެވޭ ފަދަ މާލީ ފައިދާތަކާއި މަންފާތައް ފޯރު ކޮށްދިން ކަމުގެ ތުހުމަތުތަކެވެ. އެގޮތުން، މި ބޭސްތައް ބޭނުން ކުރާން ކޮންމެހެން ނުޖެހޭ ބަލި މީހުންނަށް ވެސް އެ ބޭސްތައް ބޭނުން ކުރާން އިރުޝާދު ދިނުމަށް އެއްބަސް ވާ ޑޮކްޓަރުންނާއި ފާމަސީތަކަށް ކުންފުނީން ރިޝްވަތު ދީފައި ވާ ކަމަށް ވެއެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހޯމަ ދުވަހު ބުނެފައި ވަނީ މި ތުހުމަތުތަކާ ގުޅޭ މައްސަލަ ކޯޓާ ހަމަޔަށް ނުގެންގޮސް، ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ސަރުކާރަށް 2.2 ބިލިއަން ޑޮލަރު ދައްކާން ޖޯންސަން އެންޑް ޖޯންސަން އެއްބަސް ވެފައި ވާ ކަމަށެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ބުނި ގޮތުގައި، 2.2 ބިލިއަން ޑޮލަރަކީ ޖޯންސަން އެންޑް ޖޯންސަނާ ދެކޮޅަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން އުފުލޭ ޖިނާއީ ދައުވާ ސާބިތު ވެއްޖެ ނަމަ ކުރެވޭނޭ ޖޫރިމަނާގެ ފައިސާ އާއި، އެ ތުހުމަތުތަކާ ގުޅުން ހުރި މަދަނީ މައްސަލަތަކާ ގުޅިގެން އެކި ފަރާތްފަރާތަށް ދައްކާން ޖެހޭނޭ ގެއްލުމުގެ ބަދަލު ހިމެނޭ ގޮތަށް ހިސާބު ކުރެވުނު ޖުމުލަ ފައިސާއެވެ.

ނާޖާއިޒު ގޮތްގޮތުން ޖޯންސަން އެންޑް ޖޯންސަން ކުންފުނީން މާކެޓު ކުރި ބޭސްތަކަކީ ނަފްސާނީ ބައެއް މައްސަލަތަކުގެ ފަރުވާއެއްގެ ގޮތުގައި އުފެއްދި ވަރަށް ބާރުގަދަ ދެ ބޭހެއް ކަމަށް ވާ ރިސްޕަރޑަލް އާއި އިންވެގާ، އަދި ހިތުގެ ބަލިތަކަށް ފަރުވާއެއްގެ ގޮތުގައި އުފެއްދި ނެޓްރެކޯރ އެވެ. ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ ސަބްސިޑިއަރީއެއް ކަމަށް ވާ ޖެންސެން ފާރމަސޫޓިކަލްސްގެ ފަރާތުން، ރިސްޕަރޑަލް މާކެޓު ކޮށްފައި ވަނީ ނަފްސާނީ ފަރުވާ ދޭ މަރުކަޒުތަކުގައި، އުމުރުން ދުވަސް ވީ ބަލި މީހުންގެ ތެރެއިން ޑިމެންޝިއާގެ އުނދަގޫ ތަހައްމަލު ކުރާ ބަލި މީހުންނަށް ދެވިދާނޭ ބޭހެއްގެ ގޮތުގައެވެ. މި ބޭސް ބޭނުން ކުރުމަކީ އުމުރުން ދުވަސް ވީ މީހުންނަށް ސްޓްރޯކް ޖެހުމާއި ފުރާނައަށް ނުރައްކާ ވުމުގެ ރިސްކު ބޮޑު ބޭހެއްކަން އެނގި ތިބެ، އެ ބޭސް މާކެޓު ކުރި ކަމަށް ޖެންސެން ފާރމަސޫޓިކަލްސްގެ އޮފިޝަލުން އިއުތިރާފު ވެފައި ވެއެވެ.

ތުހުމަތު ކުރެވިފައި ވާ ގޮތުން، ޖޯންސަން އެންޑް ޖޯންސަން ކުންފުނީން ވަނީ ބާޒާރަށް ނެރުމުގެ ރަސްމީ ހުއްދަ ނުލިބޭ ބައެއް ބޭސްތައް ވެސް މާކެޓު ކޮށްފައެވެ.

އެމެރިކާ ސަރުކާރާ އެކު، ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ ސަބްސިޑިއަރީ ޖެންސެން ފާރމަސޫޓިކަލްސްގެ ފަރާތުން ލިޔުމުން ވެފައި ވާ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމުގެ އެއްބަސްވުމުގައި، ކުންފުނީން އިއުތިރާފު ވެފައި ވެއެވެ.

ހޯމަ ދުވަހު އޮތް ނޫސް ކޮންފަރެންސެއްގައި އެމެރިކާގެ އެޓަރނީ ޖެނެރަލް އެރިކް ހޯލްޑަރސް ވިދާޅުވެފައި ވަނީ ޖޯންސަން އެންޑް ޖޯންސަން ކުންފުނީން، އެމެރިކާގައި ޓެކްސް ދައްކާ ރައްޔިތުންނާއި، ބަލި މީހުންނާއި، އަދި އަމިއްލަ އިންޝޫރެންސް ކުންފުނިތަކުގެ ޚަރަދުގައި އަމިއްލަ ޖީބު ބަރު ކުރަމުން ގޮސްފައިވާ ކަމަށެވެ.

ޖޯންސަން އެންޑް ޖޯންސަން ކުންފުނިން މި މައްސަލައާ ގުޅިގެން އެމެރިކާ ސަރުކާރަށް ދިން 2.2 ބިލިއަން ޑޮލަރަކީ، މި ބާވަތުގެ މައްސަލައެއް ކޯޓުން ބޭރުގައި ހައްލު ކުރުމަށް ވެވުނު އެއްބަސްވުމެއްގެ ދަށުން ސަރުކާރަށް ނެގުނު ތިންވަނައަށް އެންމެ ބޮޑު އަދަދެވެ.

ފަހަކަށް އައިސް، އެމެރިކާ ސަރުކާރުން ގެންދަނީ ބޭސް އުފައްދާ ސިނާއަތުގައި މަސައްކަތް ކުރާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ އުފެއްދުންތައް މާކެޓު ކުރާން ހިންގާ މަކަރުވެރި ހަރަކާތްތަކާއި ގާނޫނާ ޚިލާފު ކަންކަން ބަލައި ހޯދުމުގެ ޚާއްސަ މަސައްކަތްތަކެއް ހިންގައިފައެވެ.

ބާރުގަދަ ބޭސްތައް މާކެޓު ކުރުމުގައި އޮޅުވައިލުމާއި މަކަރު ހީލަތުގެ ބޭނުން ހިފައި، އެ ބޭސްތަކުން ބޭނުން ކުރާ މީހުންނަށް ލިބޭ ގެއްލުންތަކާ މެދު ހަގީގަތާ ޚިލާފު މައުލޫމާތު ދިނުމާ ގުޅިގެން މިހާތަނަށް އެންމެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވިފައި ވަނީ އިނގިރޭސި ވިލާތުގެ ބޭސް އުފައްދާ މަލްޓިނޭޝަނަލް ގްލެކްސޯސްމިތްކްލައިން ކުންފުންޏެވެ. އެ ކުންފުނީގެ ދިހަ ބޭހެއް މާކެޓު ކުރުމާއި ބްރޭންޑް ކުރުމުގައި ގާނޫނާ ޚިލާފަށް މަކަރާއި ހީލަތް ހެދުމުގެ ސަބަބުން، އެ ކުންފުނި ވަނީ 3 ބިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.