06 Nov 2013, 01:31
ހިޖުރަ ކޮށްގެން ރަޝިއާގައި ދިރިއުޅެމުންދާ ބިދޭސީންނާ ދެކޮޅަށް ރަޝިޔާގެ ވަތަނީންގެ އެތައް ހާސް ބަޔަކު އެއްވެ އަޑު އުފުލައި މުޒާހަރާތައް ކުރުމުގެ ހަރަކާތްތަކެއް ފަށައިފިއެވެ.
ވަތަނީންގެ ޖަމާއަތްތަކުން ބުނާ ގޮތުގައި ރަޝިޔާގައި ކުށުގެ ރޭޓު މައްޗަށް ޖައްސަނީ، އަދި ރަޝިޔާ ދަރިކޮޅުގެ ޒުވާނުންނަށް އޮތް ވަޒީފާތައް ހޯދައި ހުސް ކުރާ ބަޔަކީ ހިޖުރަ ކޮށްގެން އުޅޭ ބިދޭސީންނެވެ.
ރަޝިޔާގެ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ކަމަށް ވާ ނޮވެންބަރު 4 އާ ދިމާކޮށް، އެސްޓީ ޕީޓަރސްބަރގާއި ކަޒާނާއި އިރްކާރސްކް އަދި ވެރިރަށް މޮސްކޯ ފަދަ ބޮޑެތި ޝަހަރުތަކުގެ މަގުތަކަށް ވަތަނީންގެ އެތައް ހާސް ބަޔަކު ނުކުމެ، ރަޝިޔާގައި އުޅޭ ބިދޭސީންނާ ދެކޮޅު ޝިއާރުތައް އުފުލައި، ބިދޭސީންނާ ދެކޮޅަށް އިންޒާރުތައް ދީފައި ވެއެވެ. މުޒާހަރާ ކުރި މީހުން ވަނީ "ރަޝިޔާ ރަޝިޔާ މީހުންނަށް" އަދި "ކެތްތެރި ވުމާ ދެކޮޅަށް ޒުވާނުން" ފަދަ ލިޔުންތައް ލިޔެފައި ހުރި ފޮތިގަނޑުތައް ގެންގުޅެފައެވެ.
ރަޝިޔާގެ ވަތަނީ ލީޑަރެއް ކަމަށްވާ އެލެގްޒެންޑަރ ބެލޯވް ވިދާޅު ވެފައި ވަނީ "މޮސްކޯ އަދި ކިރިޔާ މި ހޭލަނީ، ރަޝިޔާ މީހުންނަށް އެމީހުންގެ ޝަޚްޞިއްޔަތު އަދި ކިރިޔާ މި އެނގެން ފެށީ" ކަމަށެވެ. އިއްޔެ ވެރިރަށް މޮސްކޯގައި ބޭއްވުނު މުޒާހަރާތައް އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ ވެސް ބެލޯވެވެ.
މުޒާހަރާގެ ބައިވެރިއެއް ކަމަށް ވާ ޔެލީނާ ޔަރމަކޯވާ، އޭނާގެ އަންހެން ދަރިފުޅާއި ދެ މާމަ ދަރީންނާ އެކު މުޒާހަރާގައި ބައިވެރި ވެގެން ހުރެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ މޮސްކޯގައި "ބިދޭސީން މާ ގިނަ" ކަމަށާއި، "އެމީހުންގެ ކަންތަކާ ހުރެ މިހާރު ބޮލަށް އުނދަގޫ ވާ" ކަމަށެވެ.
އިއްޔެގެ މުޒާހަރާތަކުގެ ތިން ހަފުތާ ކުރީން، މޮސްކޯގެ ތަރުކާރީ ގުދަނެއްގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހަކު ރަޝިޔާ މީހަކު މަރައިލި ކަމަށް ބުނެ، ރަޝިޔާ މީހުންގެ ބަޔަކު ވަނީ އެ ގުދަނުގެ ތެރެއަށް ވަދެ ހަމަނުޖެހުންތައް ހިންގައިފައެވެ. އެ ހާދިސާގައި، ފުލުހުން އައުމުގެ ކުރީން، އެމީހުން ވަނީ ފިހާރަތަކެއް ހަލާކު ކޮށްލައި، ބިދޭސީންނާ ދެކޮޅަށް ބިރު ދެއްކުމުގެ އަމަލުތަކެއް ހިންގައިފައެވެ. މި ހާދިސާއާ ގުޅިގެން މޮސްކޯގެ ފުލުހުން ވަނީ އެ ގުދަނުގައި މަސައްކަތް ކުރާ އެއްހާހަށް ވުރެ ގިނަ ބިދޭސީ މަސައްކަތު މީހުން ހައްޔަރު ކޮށް ސުވާލު ކޮށްފައެވެ. ނަމަވެސް އެއްވެސް މީހެއްގެ މައްޗަށް ކުށެއްގެ ދައުވާ އުފުލައިފައެއް ނުވެއެވެ.
އދ. ގެ އެންމެ ފަހުގެ ރިޕޯޓުތަކުގައި ބުނާގޮތުން، ރަޝިޔާގައި ބިދޭސީ މަސައްކަތު މީހުންގެ 11 މިލިއަނެއްހައި މީހުން ދިރިއުޅެއެވެ. ކުރީގެ ރޫސީ ވިލާތުގެ ޖުމްހޫރިއްޔާތަކުގެ މީހުންނަށް ރަޝިޔާއަށް އެރުމަށް ޓަކައި ވިސާ ނަގާން ޖެހޭތީ، ގާތްގަނޑަކަށް މި އެންމެންނަކީ ވެސް ގާނޫނާއި ގަވާއިދާ އެއްގޮތަށް ރަޝިޔާގައި ދިރިއުޅެމުންދާ މީހުންނެވެ.
ރަޝިޔާގެ ވަތަނީންގެ ޖަމާއަތްތަކުގެ މީހުން، ބިދޭސީންނާ ދެކޮޅަށް ތެދު ވެފައި ވާ އިރު، ރަޝިޔާގެ ބޮޑެތި ޝަހަރުތަކުގައި މަސައްކަތު މީހުންގެ ގޮތުގައި ދިރިއުޅޭ ގިނަ މީހުންނަކީ ކުރީގެ ރޫސީ ވިލާތުގެ ޖުމްހޫރިއްޔާތަކުގެ ތެރެއިން މިހާރު މިނިވަން ވެފައި ވާ، މެދުތެރޭ އޭޝިއާގެ އިސްލާމީ ގައުމުތަކަށް ނިސްބަތް ވާ މުސްލިމުންނެވެ. އެމީހުން އަދާ ކުރާ ވަޒީފާތަކަކީ އިމާރާތް ކުރުމުގެ ސިނާއަތާއި އެހެންވެސް އެފަދަ ސިނާއަތްތަކުގެ މުސާރަ ކުޑަ ވަޒީފާތަކެވެ. އެ ވަޒީފާތަކަކީ އާއްމު ގޮތެއްގައި ރޫސީ އަސްލު ވަޒަންވެރީންގެ ޝައުގުވެރިކަން ނުހުންނަ ވަޒީފާތަކެވެ.