އެމެރިކާގެ ސަރުކާރާއި އެ ގައުމުގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) އިން އަފްޣާނިސްތާނާއި ގުއަންޓަނަމޯ ބޭގައި ހިންގާ ޖަލުތަކުގައި ގައިދީންނަށް ވޭންދެނިވި އަނިޔާ ކުރުމުގައި ޑޮކްޓަރުންނާއި ނަރުހުން އެހީތެރި ވެ ބައިވެރި ވާ ކަމަށް، މިނިވަން ތަހުގީގީ ދިރާސާއަކުން ހާމަ ވެއްޖެއެވެ.

އެމެރިކާގެ އިންސްޓިޓިއުޓް އޮފް މެޑިސިން އާއި އޯޕަން ސޮސައިޓީ ފައުންޑޭޝަންގެ ފަރާތުން ދެ އަހަރު ވަންދެން ކުރި ތަހުގީގީ ދިރާސާތަކަށް ފަހު ނެރެފައި ވާ ރިޕޯޓުގައި ވާ ގޮތުން، ގުއަންޓަނަމޯ ބޭ ޖަލުގައްޔާއި، އަފްޣާނިސްތާނުގައި ސީއައިއޭއިން ހިންގާ ސިއްރު ޖަލުތަކުގައި ގައިދީންނަށް ވޭންދެނިވި އަނިޔާތައް ދެވެނީ ޖާސޫސީ މައުލޫމާތު ހޯދުމުގެ ނަމުގައްޔާއި ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އަޅާ ފިޔަވަޅުތަކުގެ ނަމުގައެވެ.

މި ގޮތުން ގައިދީންނަށް އަނިޔާ ކުރުމުގައި ޑޮކްޓަރުންނާއި ނަރުހުންގެ އެހީތެރިކަމާއި ބައިވެރި ވުން ލިބޭން ޖެހޭނެ ކަމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސާއި ސީއައިއޭ އިން ބުނެފައި އޮންނަ ކަމަށް ތަހުގީގީ ދިރާސާގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

"މި ޖަލުތަކުގައި ތިބޭ ސިއްހީ ފަރުވާ ދިނުމުގެ ތަޖުރިބާކާރުން ވަނީ ވޭންދެނިވި، ލާއިންސާނީ، ދަށު ދަރަޖައިގެ އަދި ރަހުމު ކުޑަ އަނިޔާ ދެވޭނޭ ގޮތްތައް ފަރުމާ ކޮށްދީ، އެ އަނިޔާތައް ދެވޭނޭ މަގުފަހި ކޮށްދީ، އަދި އެ އަނިޔާތައް ދިނުމުގައި ބައިވެރި ވެފައި"، ހޯމަ ދުވަހު ޝާއިއު ކުރެވުނު ރިޕޯޓުގައި ވެއެވެ.

ރިޕޯޓުގައި ވާގޮތުން، ގައިދީންނަށް އަނިޔާ ކުރުމުގައި ޑޮކްޓަރުންނާއި ނަރުހުން ބައިވެރި ވާން ފަށައިފައި ވަނީ 2001 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާއަށް ދިން ހަމަލާއަށް ފަހުގައެވެ.

"ގައުމީ ސަލާމަތާއި އަމްނުގެ ނަމުގައި، ޑޮކްޓަރުންނަކީ އަސްކަރިއްޔާގެ އޭޖެންޓުންތަކެއްގެ ގޮތުގައި ބޭނުން ކޮށްފައި ވާ ކަމާއި، ސިއްހީ ފަރުވާގެ ޚިދުމަތުގެ ސުލޫކީ މިންގަނޑުތަކާއި އަމަލީ މިންގަނޑުތަކާ މުޅީން ޚިލާފު އަމަލުތައް އެމީހުން ލައްވައި ކުރުވައިފައި ވާ ކަން އެއްވެސް އޮޅުމެއް ނެތި ސާފު ވޭ." ދިރާސާ ރިޕޯޓު ލިޔުއްވި މުސައްނިފުންގެ ތެރެއިން އެއް ބޭފުޅެއް ކަމަށް ވާ ޖެރަލްޑް ތޮމްސަން ވިދާޅުވިއެވެ. ތޮމްސަނަކީ ކޮލަމްބިއާ ޔުނިވަރސިޓީގެ ޕްރޮފެސަރ އޮފް މެޑިސިން އެމެރިޓަސްއެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ.

ތޮމްސަންގެ އިތުރުން، މި ރިޕޯޓު ތައްޔާރު ކުރުމުގައި 23 ތަޖުރިބާކާރުން މަސައްކަތް ކުރައްވައިފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަސްކަރީ ފަންނުތަކާއި، އަޚްލާގިއްޔާތާއި، ސިއްހީ ދާއިރާ އާއި، އާއްމު ސިއްހަތާއި ގާނޫނީ ދާއިރާގެ ތަޖުރިބާކާރުންނެވެ.

އެމެރިކާގެ ޖަލުތަކުގައި ދެވޭ ލާއިންސާނީ، ރަހުމު ކުޑަ އަދަބުތަކުގެ ތެރޭގައި ވޯޓަރބޯރޑިންގ ފަދަ އެތައް ކަންތައްތަކެއް ހިމެނެއެވެ. ވޯޓަރބޯރޑިންގ އަކީ ގައިދީގެ މޫނުގައި ފޮތިގަނޑެއް ބަނދެ އުއްޑުން ބާއްވައިފައި، މޫނަށް ނޭވަޔަށާއި އަނގަޔަށް ދާގޮތަށް ހުއްޓުމެއް ނެތި ފެން އަޅައިގެން ދެވޭ އަދަބެކެވެ. މި އަނިޔާ ތަހައްމަލު ކުރާ މީހާއަށް ކުރެވޭ އިހުސާސަކީ ޣަރަގު ވެގެން ދަނީ ކަމުގެ އިހުސާސެވެ.

މިނިވަން ތަހުގީގީ ދިރާސާއަކުން، އެމެރިކާގެ ޖަލުތަކުގައި ގައިދީންނަށް ދޭ އަނިޔާތަކާ ބެހޭ މައުލޫމާތު ހާމަ ވުމާ އެކު، އެމެރިކާ ސަރުކާރުން ވަނީ އެ ރިޕޯޓު ދޮގު ކޮށްފައެވެ.

ސީއައިއޭ އާއި ޕެންޓަގަންގެ އޮފިޝަލުން ވިދާޅުވެފައި ވަނީ އެ ރިޕޯޓަކީ "ސީރިއަސް މައްސަލަތައް ހުރި، ކުށް މައުލޫމާތުން ފުރިގެން ވާ، އަދި ނުބައި ޚާތިމާތަކެއް ގެނެސްފައި ވާ ރިޕޯޓެއް" ކަމަށެވެ. ނޫސްވެރީންނާ ވާހަކަ ދައްކަވަމުން ސީއައިއޭގެ ޕަބްލިކް އެފެއަރޒް ޗީފް ޑީން ބޮއިޑް ވިދާޅުވީ 2009 ވަނަ އަހަރުގެ ފަހުން ގައިދީން ސީއައިއޭގެ ބެލުމުގެ ދަށުގައި ނުވެސް ތިބޭ ކަމަށެވެ.

ޕެންޓަގަންގެ ތަރުޖަމާނު ޓޮޑް ބްރީސިއެލް ވިދާޅުވީ ގުއަންޓަނަމޯ ބޭގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނަކީ ވަރަށް ހާސް ކުރުވަނިވި މާހައުލެއްގައި، "ވަރަށް ހަރުކަށި ގައިދީން" ނާ މުއާމަލާތު ކުރާ ބައެއް ކަމަށާއި، އެމީހުން ދިރިއުޅެނީ އާއިލާ އާއި އެކުވެރީންނާ ދުރުގައި، ވަރަށް އުނދަގޫ ދިރިއުޅުމެއް ކަމަށެވެ. އަދި ގުއަންޓަނަމޯ ބޭގައި ގައިދީންނަށް ދެވޭ ފަރުވާ އަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ސިއްހީ ފަރުވާ ކަމަށާއި، ގައިދީންގެ ސިއްހީ ފަރުވާގެ ރެކޯޑުތައް ދެކެ، ގައިދީންނާ ބައްދަލު ވެ ސުވާލު ކޮށް ހެދުމުގެ ފުރުސަތު ވެސް ދިރާސާ ކުރި ފަރާތްތަކަށް ލިބިފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

2009 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމުގެ ކުރީން، އެމެރިކާގެ ރައީސް އޮބާމާ ވަނީ ގުއަންޓަނަމޯ ބޭ ޖަލު ބަންދު ކުރައްވާން ވައުދު ވެވަޑައިގެންފައެވެ. ނަމަވެސް އެ ވައުދު ފުއްދަވައިފައި ނުވާ އިރު، މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި އޮބާމާގެ ސަރުކާރުން ވަނީ ގުއަންޓަނަމޯ ބޭ ޖަލު އިތުރަށް ފައްކާ ކޮށް ތަރައްގީ ކުރުމަށާއި އިތުރު ބައިތައް އިމާރާތް ކުރުމަށް ޓަކައި 195.7 މިލިއަން ޑޮލަރު ދީފައެވެ.

ގުއަންޓަނަމޯ ބޭ ޖަލުގައި މި ވަގުތު 800 ވަރަކަށް ގައިދީން އެބަތިބި ކަމަށް އިންސާނީ ހައްގުތަކަށް ޓަކައި މަސައްކަތް ކުރާ ޖަމްޢިއްޔާތަކުގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.