05 Nov 2013, 20:35
ރީ ރެޖިސްޓްރޭޝަނަށް ހުށަހެޅި ހުރިހާ ފޯމުތައް ވެރިފައި ކުރުމަށް ފަހު، މައްސަލަ ހުރި ފޯމްތައް ބާތިލު ކުރުމުން ނޫނީ ފައިނަލް ވޯޓާސް ލިސްޓުގައި، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓުގެ ފަރާތުން ސޮއި ނުކުރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ލިސްޓުގައި ސޮއި ކުރަން ޖޭޕީން ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ޝަރުތުތަކެއް ހުށަހަޅާފަ އެވެ. އެ ޝަރުތުތައް އީސީ އަށް ހުށަހެޅީ ޖޭޕީގެ އަމީން އާންމު ހަސަން ޝާހު އީސީގެ ރައީސް ފުއާދު ތައުފީގަށް ފޮނުއްވެވި ސިޓީއެއްގަ އެވެ. އެ ސިޓީ ވަނީ އެ ޕާޓީން މީޑިޔާއާ ހިއްސާކޮށްފަ އެވެ.
ޖޭޕީގެ ސިޓީގައި ބުނެފައި ވަނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓު ވެރިފައި ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ޑީއެންއާރަށް ހުށަހަޅާފައިވާ ފޯމުތައް ވެރިފައި ކުރުމަށް ފަހު ފޮނުވި ރިޕޯޓުން ކަންތައްތަކެއް ފާހަގަ ކުރެވިފައިވާ ކަމުގެ މައުލޫމާތު އެޕާޓީއަށް ލިބިފައިވާ ކަމަށެވެ. އެގޮތުން 12،000 އަށް ވުރެ ގިނަ އިނގިލީގެ ނިޝާން ސައްހަ ނުކުރެވުމުގެ ސަބަބުން އެއްގޮތަކަށް ވެސް ޗެކް ނުކުރެވުނު ކަމަށާއި 3000 މީހުންގެ ރީ ރަޖިސްޓަރޭޝަން ފޯމުގައި އެ ފޯމުގައިވާ މީހުން ނޫން ކޮންމެ ވެސް އެހެން ބައެއްގެ އިނގިލީގެ ނިޝާން ޖަހާފައިވާ ކަމަށް ބެލެވޭ ކަމަށް އެ ރިޕޯޓުން ފާހަގަ ކުރެވުނު ކަމަށް ޖޭޕީން ބުންޏެވެ.
ޖޭޕީ އަށް ފާހަގަ ކުރެވުނު އެ މައްސަލަތައް ފާހަގަ ކުރެވުމުން ރީ ރެޖިސްޓަރޭޝަން ފޯމުތައް ފުލުހުންގެ އެހީގައި ވެރިފައި ކުރުމަށް ފަހު މައްސަލަތައް ހުރި ފޯމުތައް ބާތިލުކުރުމަށް ސިޓީގައި އެދިފައިވެ އެވެ.
"ވީމަ މަތީގައި ދެންނެވުނު ސަބަބުތަކަށް ޓަކައި ހުރިހާ ރީ ރެޖިސްޓްރޭޝަން ފޯމުތައް ވެރިފައި ކުރުމަށް ފަހު، މައްސަލަ ހުރި ފޯމުތައް ބާތިލު ކުރުމަށް ފަހު ނޫނީ މިޕާޓީގެ ފަރާތުން ވޯޓާސް ލިސްޓްގައި ސޮއި ކުރުމަކީ ދަތި ކަމެއް ކަމުގައި ދެންނެވީމެވެ،" ޖޭޕީގެ އަމީން އާންމު އީސީ އަށް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
އީސީން ރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކޮމިޝަންގެ ރަޖިސްޓްރީ ސެކްޝަންގެ ހެޑް ޑިރެކްޓަރު އައިމިނަތު މަޖުދާ ވިދާޅުވެފައި ވަނީ އިނގިލީގެ ނިޝާން ޗެކް ކުރުމަށް ޓަކައި ހުށަހެޅި 9000 ފޯމުގެ ތެރެއިން ދިމާނުވީ 294 ފޯމް ކަމަށާއި އެ ފޯމްތައް ބާތިލުނުކޮށް ވޯޓާސް ލިސްޓްގައި ހިމަނާފައިވާ ކަމަށެވެ.
އެ ނަންތައް ވޯޓާސް ލިސްޓްގައި ހިމެނީ އެ ފޯމުތަކުގެ ވެރިފަރާތްތަކަށް ފޯނުން ގުޅައި، ރެޖިސްޓާ ކުރަން ހުށަހެޅިތޯ ކަށަވަރުކުރުމަށް ފަހު ކަމަށް މަޖުދާ ވިދާޅުވި އެވެ.