މާލޭގައި ބަނގުރާ ކައްކަމުން ދިޔަ ތަނެއް ރެއިޑްކޮށް ހަތަރު ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ މީހަކާއި 35 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެއްގެ އިތުރުން 32 އަހަރުގެ އަންހެނެއް ކަމަށެވެ. އެ އެންމެންނަކީވެސް އިންޑިޔާގެ ރައްޔިތުން ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ މއ. ރަންފައުނުގޭގައި ބިދޭސީން ދިރިއުޅެމުންދާ ތަނެއްގައި ބަނގުރާ ކައްކަމުންދާކަމަށް ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މިއަދު ހަވީރު 3:45 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ބަނގުރާ ކައްކަމުންދިޔަ ތަނަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަތްއިރު އެތަނުގެ ފާޚާނާއެއްތެރޭގައި އެމީހުން ތިބީ ބަނގުރާ ކައްކަން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެތަން އިތުރަށް ބަލައި ފާސްކުރުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ފަސް ލީޓަރުގެ ދެ ހަމާއި 1500 އެމްއެލް ގެ އެއް ފުޅި ފެނިފައިވާކަމަށާއި އެތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެތަނުން ފެނުނު ބަނގުރާ ކައްކަން ބޭނުންކުރާ އާލާތްތަށް ވެސް ފުލުހުން ވަނީ ގެންގޮސްފަ އެވެ.

އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.